ބޮޑު ތިން ބިންހެލުމަކަށް ފަހު ޖަޕާނުގައި ފިރިހެން ކުދިން އުފަންވާ ނިސްބަތް ދަށަށް ދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

1995 އަހަރު ޖަޕާނުގެ ކޯބޭއަށް އައި ބިންހެލުމާއި 2011 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަދި 2016 ވަނަ އަހަރު ކުމަމަޓޯއަށް އައި ބާރުގަދަ ބިންހެލުންތަކަށް ފަހު އެގައުމުގައި ފިރިހެން ކުދިން އުފަންވާ ނިސްބަތް ބޮޑު ތަނުން ދަށަށް ދާކަން ހާންމަވީ ޖަޕާނުގެ ހެލްތް އިސްޓިޓުޓްއަކުން ހެދި ދިރާސާއަކުން ނެވެ.

މި ދިރާސާ އިން ހާމަވާ ގޮތުގައި އެގައުމުގައި ފިރިހެން ކުދިން އުފަންވާ ނިސްބަތް ދަށަށް ދަނީ ސްޓްރެސް ވުމާއި ކަންބޮޑުވުމުގެ ސަބަބުންނެވެ.

މި ދިރާސާއިން ބުނާ ގޮތުގައި ޖަޕާނުގެ ރައްޔިތުން މިހާރު މުސްތަގުބަލާއި ދޭތެރޭ އެހާބޮޑަކަށް ނުވިސްނައެވެ. އެއީ މުޅި އުމުރު މަސައްކަތްކޮށްގެން އާރާސްތުކުރާ ދިރިއުޅުން ބިންހެލުންތަކުގެ ސަބަބުން އަނެއްކާވެސް ސުންނާފަތިވެދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.

ބިންހެލުންތައް އެންމެ ގިނައިން އަންނަ "ޕެސިފިކް ރިންގް އޮފް ފަޔަ" ގައި ޖަޕާން އޮންނައިރު ޓޯކިޔޯ އަކީ ބިންހެލުމުގެ އެންމެ ނުރައްކާ ބޮޑު އެއް ތަނެވެ. 1995 ވަނަ އަހަރު ކޯބޭ އަށް އައި ބިންހެލުމެއްގައި ވެސް 6400 މީހަކު މަރުވިއިރު ޓޯކިޔޯ އަށް 1923 ވަނަ އަހަރު އައި "ބިގް ވަން" ގެ ނަމުން ނަން ދީފައިވާ ބިންހެލުމުގައި 140،000 މީހުން މަރުވި އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ އަލިފާނުގެ ހާދިސާތަކުގަ އެވެ.

ޖަޕާނަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން މިފަދަ ކާރިސާތަކަށް އެންމެ ރަނގަޅަށް ތައްޔާރުވެގެން އޮތް ޤައުމެވެ. ބިންހެލުންތަކަށް ތައްޔާރުވެފައިވާ މިންވަރާއި، ތައްޔާރީތަކުގެ ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް ފެންވަރަށް ބެލިޔަސް ދުނިޔޭގެ އެންމެ މަތީ ފަޑީގައި އޮތީ ޖަޕާނެވެ. ޖަޕާނުގެ ގިނަ އިމާރާތްތައް ވެސް ހަދާފައި ހުންނަނީ ބިންހެލުންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ނަމަވެސް އެއީ ވެސް ގެއްލުންތައް އެއްކޮށް ހުއްޓުވޭނެ ގޮތެއް ނޫންކަން ދާދިފަހުން އައިސްފައިވާ ބިންހެލުންތަކުން އެނގެއެވެ.

ޖަޕާނަށް މީގެ ކުރިން 2011 ވަނަ އަހަރުގެ މާރިޗް މަހުގެ 11 ވަނަ ދުވަހު ކަނޑުގެ އަޑިން 30 ކިލޯމީޓަރު އަޑިން އައި 9.0 ގެ ބާރު ބިންހެލުމާ ގުޅިގެން އައި ސްނާމީގައި ޖަޕާނުން ވަނީ 15891 މީހުން ވަނީ މަރުވެފައެވެ. އަދި 6152 މީހުން ވަނީ ޒަހަމް ވެފައެވެ. މިއީ 1900 ވަނަ އަހަރަށް ފަހު ދުނިޔެއަށް އައި ހަތަރުވަނަޔަށް އެންމެ ބާރުގަދަ ބިންހެލުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިކަމުގެ ހައްލު އޮންނާނީ އިސްލާމް ދީނުގަ . 4 އަނބިން

  2. އު

    الحمد لله ރާއްޖޭގާ އުޅެތީ

  3. ޝިޔާމް

    އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު عذاب (އެބަހީ: ނަރަކައިގެ عذاب) ފިޔަވައި ލުއި عذاب ން (އެބަހީ: ދުނިޔެމަތީގެ عذاب ން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (إيمان ކަމަށް) رجوع ވުމަށްޓަކައެވެ. (32/21)