ޕައުޕާ ނިއު ގީނީއަށް 7،6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޕައުޕާއަށް މި ބިންހެލުން އަރާފައިވަނީ ޖަޕާނަށް ބިންހެލުމެއް އެރިތާ ގިނަ އިރުތަކެއް ނުވަހީނެވެ. އެއާއެކު ސަރަހައްދުގެ ގައުމުތަކާއި ރަށްތަކަށް ބޮޑެތި ގެއްލުން ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޚަބަރުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ފަރުބަދަމަތީ ސަރަހައްދަކަށެވެ. ބިމުގެ ދެ ކިލޯ މީޓަރު އަޑިން އައި އެ ބިންހެލުމުގެ އަސަރު އެ ސަރަހައްދުގެ ގިނަ ގައުމުތަކަކަށް ވަނީ އިހުސާސުކުރެވިފައެވެ.

ބިންހެލުން އައި ސަރަހައްދަކީ ވަރަށް ނާޒުކު މާހައުލެއް ލިބިގެންވާ ތަނެކެވެ. އެތަނަށް "ރިންގް އޮފް ފަޔަރ" އޭވެސް ކިޔައި އުޅެ އެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފައިވަނީ އެ ބިން ހެލުމާ ގުޅިގެން ގެއްލުން ބޮޑު ސުނާމީ އެއް އުފެދުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.