އިންޑިއާގެ ކެރެލާއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގައި ހުކުރު ދުވަހާއި ހަމައަށް އެ ސަރަހައްދުގެ އެކި ހިސާބުތަކުން 41 މީހަކު މަރުވެފައިވާ ކަމުގައި ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

އެގޮތުން ހުކުރު ދުވަހު ބޯކޮށް ވާރޭވެހި ތްރިސޫރު ސަރަހައްދުގައި ހުރި ގެއެއް ވެއްޓުމުގެ ސަބަބުން ދެ މީހަކު މަރުވެފައިވާއިރު އަލަޕުއްޒާ ސަރަހައްދުން އެކަކު ގެއްލިފައިވެއެވެ.

އަދި ވިއްސާރައިގެ ސަބަބުން ގިނަ ގެތަކުގައި ހިފާގެންގުޅޭ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމުގައިވެސް ރިޕޯޓްތަށް ބުނެއެވެ.

ވިއްސާރައިގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންޑިއާގެ ސަރުކާރާއި ހިލޭއެހީއަށް މަސައްކަތްކޮށްދޭ ޖަމިއްޔާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާލުގައި ޖެހުނު 1.18 ލައްކައެއްހާ މީހުން ވަނީ ކެރެލާގެ އެކި ސަރަހައްދު ތަކުގައި ގާއިމު ކުރެވިފައިވާ 606 ކޭމްޕަކަށް ބަދަލު ކުރެވިފައެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އަލަޕުއްޒާ އާއި ކޮއްޓަޔަމް ސަރަހައްދަށެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން އަލަޕުއްޒާއިން 50,836 މީހުން ހާލުގައި ޖެހިގެން ކޭމްޕްތަކަށް ގެންގޮސްފައިވާއިރު ކޮށްޓަޔަމް އިން ވަނީ 37,657 މީހުން ހާލުގައި ޖެހިގެން ކައިރީގައިވާ ކޭމްޕްތަކަށް ގެންގޮސްފައެވެ. ވިއްސާރައިގެ ސަބަބުން އެ ސަރަހައްދު ތަކުން ކަރަންޓުގެ ހިދުމަތާއި ބޯފެނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.

ފެނާއި ކަރަންޓު މެދު ކެނޑުމުގެ ސަބަބުން އެ ސަހަރައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެން ނުލިބޭއިރު ، ސާފު ބޯފެން ނުލިބޭނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭރައް ހިނގުމާއި ހުން ފަދަ ބަލިތައް ދިމާ ވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ކަމާ ބެހޭ ވުޒާރާތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު