އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ހުންނަ ހޮސްޕިޓަލުތަކުގައި، އެކަށީގެންވާ ޑޮކްޓަރުންނާއި ނަރުހުން ނުވަތަ އެނޫންވެސް ތަމްރީނު ލިބިފައިވާ ޞިއްޙީ އެހީތެރިން ނެތުމުގެ މައްސަލަ ބޮޑުވެއްޖެއެވެ. މިކަން ބޮޑުވެފައިވަނީ، އެފަރާތްތައް ނެތުމުގެ ސަބަބުން، ސީރިޔަސް ފަރުވާތައް ދިނުމަށް، އާދައިގެ މުވައްޒަފުން ބޭނުން ކުރަން ފެށުމުންނެވެ.

އެޤައުމުގެ ބައެއް ނޫސްތައް ބުނެފައިވާ ގޮތުގައި ބައެއް ފަރުވާތައް ދިނުމުގައި، ހޮސްޕިޓަލުގެ ފާޚާނާ ސާފުކުރަން އުޅޭ ފަރާތްތަކާއި ފޮޅާ ސާފުކުރަން އުޅޭ ފަރާތްތައްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑިޔާގެ އިތުބާރު ލިބިފައިވާ ނޫހެއްކަމުގައިވާ "ހިންދުސްތާން ޓައިމްސް" އިން ބުނެފައިވާ ގޮތުގައި، ސީރިޔަސް ޒަޚަމްތައް ލިބިގެން އަންނަ މީހުންގެ ޒަޚަމްތައް ފެހުމުގައިވެސް އާދައިގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހަމައެހެންމެ، ލޭ ނެގުމާއި، މީހުންގެ ގަޔަށް ލޭ އެޅުމުގަޔާއި އަދި އިންޖެކްޝަން ޖެހުމަށްވެސް އާދައިގެ މުވައްޒަފުން ދަނީ ބޭނުންކުރަމުންނެވެ.

މި ގޮތަށް ކަންތައް ކުރަމުން ދަނީ ކޮން ހޮސްޕިޓަލެއްގައިކަން ނުވަތަ ކޮން ހޮސްޕިޓަލްތަކެއްގައިކަން އެނޫހުން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، އެހޮސްޕިޓަލުގެ އިސްވެރިޔަކުވަނީ ނޫހާ ވާހަކަ ދައްކާފައެވެ. އެގޮތުން، އޭނާ ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް އެހޮސްޕިޓަލަށް އެތައް ސަތޭކަ މީހުން ފަރުވާ ހޯދުމަށް ދާ ކަމަށެވެ. އެހެންނަމަވެސް، އެތަންތަނުގައި އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތްކަމުގައެވެ.

މި މައްސަލަ ސަރުކާރަށް ހުށަހަޅާފައިވާކަމަށް ބުނެފައިވާއިރު، ސަރުކާރުން މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް މަސައްކަތެއް ނުކުރާކަމަށް ބުނެފައިވެއެވެ.

ހޮސްޕިޓަލުގައި ހަރަކާތްތެރިވާ އާދައިގެ މުވައްޒަފުން ބުނެފައިވާ ގޮތުގައި، ބޮޑެތި ބަލިތަކަށް ފަރުވ ހޯދަން ނުވަތަ ސީރިޔަސް ޒަޚަމްތަކާއެކު އައިސް ތިބޭ މީހުންނަށް ފަރުވާއެއް ނުލިބި ތިބޭ ތަން ބަލަން، އެމީހުންނަށް ކެތެއް ނުވާނެއެވެ. އެހެންކަމުން، އެމީހުން ބައެއް ކަންތައްތައް ދަސްކޮށްފައިވަނީ، ޑޮކްޓަރުން ކަން ކުރާ ތަން ބަލައިގެންކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ބައެއް ބަލިމީހުން ތިބީ ނޭނގުމެއްގެ ތެރޭގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އިންޑިޔާގައި ކޮންމެ 10،000 މީހަކަށް ތިބީ ހަތް ޑޮކްޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    މޯދީ އަދިވެސް ދުވާތި ގެރި ހިމާޔަތްކުރަން.

  2. ސްޓާފުން 80%

    އަދި އައި ޖީ އެމް ހޮސްޕިޓަލް ގަ ވެސް ތިހިސާބައް ދާނެ ، ކެއްކޮއްލާ އެހެން މީހުން ގެ އިހުސާސްތައް ނުދަންނަ ވެރިން ތިއބްވާ ތަނެއް