ފިލިޕީންސްގެ ފަގީރުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރަކަށް އައިސް ވަރަށް އާންމުކޮށް ކުރެވޭ އެއް ކަމަކީ އެކި އެކި ރެސްޓޯރެންޓްތަކާއި ގެތަކުން އުކާލެވޭ ކުނީގައި ހިމެނޭ ކާ އެއްޗިހި ހޮވައިގެން ކައްކައިގެން އަލުން ކެއުން އަދި ވިއްކުމެވެ. މިގޮތުން ފިލިޕީންސްގެ ވެރިރަށް މެނީލާ ކައިރީގައި އޮންނަ 'ހެޕީލޭންޑް' ކުނި ގޮނޑު ފަދަ ތަންތަނަކީ އެ ރަށުގައި ފަގީރު ހާލުގައި ދިރިއުޅޭ މީހުން ދަންވަރު ގަޑީގައި ގޮސް ކުނި ހޮވައިގެން ކާ އެއްޗިހި އެއްކުރާ ތަނެކެވެ. މިފަދަ އެތައް ކުނި ގޮނޑުތަކަކަށް އެތައް ބަޔަކު ކޮންމެ ރެޔަކުވެސް ދާކަމަށް ވަނީ ހާމަވެފައެވެ.

މި މަސައްކަތުގައި އެންމެ ފުރަތަމަ އޮންނަ ކަމަކީ ކާ އެއްޗިހި ކުނި ގޮނޑުގެ ކުނިން ވަކިކޮށް އެއްކުރުމެވެ. މި މަސައްކަތްކުރާ ބައެއް މީހުން މި މަސައްކަތްކުރާތާ ފަސް މަސް ވެފައިވާއިރު މިއީ ކެއުންބުއިމަށް އިތުރު އެއްވެސް ގޮތެއް ނެތް މީހުންނެވެ. މިފަދަ މީހުންނަކީ މެންދުރު 12 އިން ފެށިގެން މި މަސައްކަތްކުރުމުގައި ދަންވަރު 12 އާއި ހަމަޔަށް ހޭދަކުރާ މީހުންނެވެ.

މިފަދަ މީހުން މިހާރު ދަނީ މިގޮތަށް ކާ އެއްޗިހި އެއްކޮށް ކައްކައިގެން ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ އެކި އެކި ފަގީރުންނަށް މި ކާ އެއްޗިހި ވިއްކަންވެސް ވިއްކަމުންނެވެ. މިގޮތަށް ކުނިން ހޮވައިގެން އެއްކުރެވިގެން އުފެއްދޭ ކާ އެއްޗިއްސަށް ދެވިފައި އޮންނަ ނަމަކީ 'ޕަގްޕަގް'އެވެ. އަދި އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކޮންމެ ހަފްތާއަކުވެސް ހަ ޑޮލަރު މުސާރައިގެ ގޮތުގައި ލިބެއެވެ. މިއީ ގޭތެރޭގެ ކަންކަންކޮށްލައި ހަދާލަން ކޮންމެވެސް ވަރެއްގެ ފަސޭހައެއް ގެނުވައިދޭ ފައިސާއެއްކަމަށް މި މަސައްކަތްކުރާ މީހަކު ކިޔައިދިނެވެ.

'ޕަގްޕަގް' އާންމުކޮށް ވިއްކަނީ ކޮތަޅުތަކުގައި 50 ސެންޓްގެ އަގުންނެވެ. މި އެއްޗިހި ކެއްކުމުގައި މަސްތަކުގެ ކަށިތައް ވަކިކުރުމަށްފަހު ރަނގަޅަށް ދޮވުމަށްފަހު ޖަރާސީމު ނައްތާލާވަރަށް ކައްކާއިރު މިއީ ހަމަ ރެސްޓޯރެންޓްތަކުގައި އޮންނަހެން ފިޔާ މިރުސް ފަދަ ތަކެތިވެސް އަޅައިގެން ކެއްކޭ އެއްޗެކެވެ. ކައްކާ ނިމޭއިރު މިއީ ރެސްޓޯރެންޓްތަކުގައި ހުންނަ ކާ އެއްޗިއްސާއި ހަމަ އެއްވަރަކަށް މީރު ކާ އެއްޗެކެވެ.

https://www.facebook.com/bbcnewsbeat/videos/1889111951107922/