ގެރީގެ މައްސަލައިގައި މީހުން މެރުން އިތުރުވެފައިވާ އިންޑިޔާގައި، އަނެއްކާވެސް މި މައްސަލައިގައި މީހަކު މަރާލައިފިއެވެ. އެޤައުމުގެ ރަޖަސްތާނުން، މިފަހަރުވެސް މަރާލާފައިވަނީ މުސްލިމު ފިރިހެނެކެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މަރާލާފައިވަނީ އުމުރުން 28 އަހަރުގެ، އަކުބަރު ޚާން ނަމަކަށް ކިޔާ މީހެކެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި މީހާ މަރާލާފައިވަނީ ގުރޫޕަކުން ދިން ހަމަލާއެއްގައެވެ. އަދި، އޭނާއަށް ހަމަލާ ދީފައިވަނީ ގެރިތަކެއް ގޮވައިގެން، ދަންވަރުގެ ވަގުތުގައި ޖަންގަލި ސަރަޙައްދުން ދަނިކޮށްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ ހުކުރު ދުވަހުއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، އަކުބަރާއެކު އެހެން މީހަކުވެސް ހުއްޓެވެ. މި ދެ މީހުން ގެރިތައް ގޮވައިގެން ދިޔައީ ފައި މަގުގައިކަމަށްވާއިރު، ގުރޫޕަކުން އައިސް ހަމަލާ ދޭން ފަށާފައިވަނީ އެންމެ ފުރަތަމަ ދަނޑިންނެވެ. އެއަށްފަހު، އެހެން އެއްޗެހި ބޭނުންކޮށްގެންވެސް ހަމަލާ ދޭން ފެށިއިރު، އަކުބަރާއެކު ހުރި އަނެއް މީހާވަނީ އެތަނުން ސަލާމަތްވެ، ފިލާފައެވެ. ފަހުން، އަކުބަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

ގެރިތައް ގޮވައިގެން އަކުބަރު ދިޔައިރު، އޭނާ ދިޔައީ އެތަކެތި ކަތިލަންކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް، ހަމަލާ ދިން ގްރޫޕަށް، މި މައުލޫމާތު ލިބުނީ ކިހިނެއްކަމަށް ނޭނގެއެވެ.

މިކަމާ ގުޅިގެން ރަޖަސްތާނު ފުލުހުންގެ އިސް ފަރާތަކުން "އޭއެފްޕީ" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި، އެމީހުން އަތުލައިގަނެފައިވަނީ ކުށުގެ ވެށިންކަމަށާއި އެމީހުންނާ ސުވާލުކޮށްގެން، މިކަމުގައި ބައިވެރިވާ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގެރިއަކީ ހިންދޫ އިންގެ ދީނުގައި ޚާއްޞަ މަޤާމެއް ދީފައިވާ އެއްޗެކެވެ. އެޤައުމުގައި އެންމެ ބައި ގިނަ ހިންދޫ އިން ވަނީ، ގެރި ކަތިލުމާއި ގެރިމަސް ކެއުމަކީ އެޤައުމުގެ ގިނަ ސަރަޙައްދުތަކެއްގައި މަނާކަމެއްކަމަށް ކަނޑައަޅާފައެވެ. އެގޮތުން، ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވާ ގުޖުރާތު ސްޓޭޓުގައި، އެއީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނަ ކުށެކެވެ.

އަނެއްކާވެސް އިންޑިޔާގައި މިފަދަ ކަމެއް ހިނގާފައި މިވަނީ، ގެރިއާ ގުޅޭ މައްސަލަތަކާއި ޤާނޫނުތައް ބަދަލުކުރަން، އެޤައުމުގެ ސުޕްރީމް ކޯޓުން ލަފާ ދީފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    ޔާﷲ

  2. ބޮޑު ދެލޯ

    މޯޑީއެއްނޫން! މުސލިމެއްވެއްޖެއްޔާ ހޭއަރުވާލާނެ
    އިނޑިޔާގައި މުސްލިމުން ވިސްނައިގެން އުޅޭތި!

  3. ލޮލް

    ސަޅި.