ކުޑަކުދިން އަސްކަރިއްޔާގައި ބޭނުން ކުރުން ހުއްޓާލަން ޔަމަނުގެ ހޫތީން އެއްބަސްވެފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.

ހޫތީން އެއްބަސްވެފައި ވަނީ ހަނގުރާމާގައި ކުޑަކުދިން ތަމްރީނުކުރުން ހުއްޓާލުމާއި، ކުޑަކުދިން މެރުމާއި، މާފް ކުރުމާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ހަމަލާ ދިނުން ހުއްޓުވުމަށް އދ. އިން ކަނޑައަޅާފައިވާ "އެކްޝަން ޕްލޭން" އަށް އަމަލުކުރާށެވެ.

އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، ހަނގުރާމަވެރިން އެމީހުންގެ ރޭންކުގައި ތިބި ކުޑަކުދިން ދެނެގަނެ، ހަ މަސް ދުވަހުގެ ތެރޭގައި އެކުދިން ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ހޫތީންގެ ޚާރިޖީ ވަޒީރުގެ ނާއިބް ހުސެން އަލް އަޒީއާއި އދ. ގެ ކުޑަކުދިންގެ އޭޖެންސީގެ މަންދޫބު ފިލިޕް ޑުއަމެލް އާއެކު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޔަމަނުގެ ވެރިރަށް ސަނާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހޫތީން ވަނީ މި އެއްބަސްވުމަކީ ކުޑަކުދިން ހިމާޔަތް ކުރުމުގެ ޕްލޭނެއް ކަމަށް ސިފަކޮށްފައެވެ.

ގައުމުން ބޭރުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުން 2014 ވަނަ އަހަރުން ފެށިގެން ސޮއިކޮށްފައިވާ ގިނަ ލިޔުންތަކެއްގައި ވެސް މިފަދަ ކޮމިޓްމަންޓްތަކެއް ވެފައިވާ ކަމަށް އދ. އިން ބުންޏެވެ.

އދ. އިން ބުނެފައިވަނީ، ޔަމަނުގެ ދާހިލީ ހަނގުރާމައިގައި ރެކްރޫޓްކޮށް، އެ ހަނގުރާމައިގައި ހަރަކާތްތެރިވާ 3500 އެއްހާ ކުޑަކުދިން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ހޫތީ އަސްކަރިއްޔާގެ އިސް އޮފިޝަލަކު 2018 ވަނަ އަހަރު ބޭރުގެ މީޑިޔާއެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނީ އެ ޖަމާއަތުން އޭރު 18،000 ކުޑަކުދިން ސިފައިންގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.

ޔަމަނުގެ ރައީސް އަބްދް ރައްބޫ މަންސޫރު ހާދީ މިދިޔަ ހަފްތާގައި ވެރިކަމުން އެއް ފަރާތްވެވަޑައިގެން ވިދާޅުވީ، ގައުމުން ބޭރުކޮށްލާފައިވާ ސަރުކާރު ހިންގާނެ އާ ރިޔާސީ ކައުންސިލެއް އުފައްދައި ހޫތީންނާއެކު މަޝްވަރާތައް ލީޑް ކުރައްވާނެ ކަމަށެވެ.