އެމެރިކާގެ ކުރީގެ ރައީސް، ޖޯޖް އެޗް.ޑަބްލިޔު ބުޝް އަށް ފަރުވާ ދޭން ޚާއްޞަކޮށްފައި ހުންނަ ކާޑިއޯލިޖިސްޓް (ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު) އަށް ބަޑިން ހަމަލާ ދީ މަރާލައިފިއެވެ. އޭނާއަށް ހަމަލާ ދީފައިވަނީ، އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގެ ކައިރިންނެވެ.

އެމެރިކާގެ ހިއުސްޓަންގައި ހުންނަ ޓެކްސަސް މެޑިކަލް ސެންޓަރުގެ ކައިރިން، ބުޝްގެ ކާޑިއޯލޮޖިސްޓަށް ހަމަލާ ދިން އިރު، އޭނާ އިނީ ބައިސްލަކެއްގެ މަތީގައިކަމަށް ނޫސްތަކުން ބުނެފައިވެއެވެ. ހަމަލާ ދިން މީހާވެސް އައީ ބައިސްކަލެއްގައިކަމަށް ވެސް މީޑިއާތަކުން ބުނެފައިވެއެވެ.

ޑރ.މާކް ހޯސްކްނެޝްޓް ނަމަކަށް ކިޔާ މި ޑޮކްޓަރަށް ބަޑިން ހަމަލާ ދީފައިވަނީ އިއްޔެ އެމެރިކާ ގަޑިން ހެނދުނު ނުވައެއް ޖެހުމުގެ ކުރިންކަމަށް، ހިއުސްޓަންގެ ފުލުހުން ހާމަކޮށްފައިވެއެވެ.

އެސަރަޙައްދުގެ ފުލުހުންގެ އިސް ފަރާތަކުން، މީޑިޔާތަކުން މައުލޫމާތު ދެމުން ބުނެފައިވަނީ، ޑރ.މާކުގެ ހަށިގަނޑަށް ދެ ފަހަރު ބަޑި ޖަހާފައިވާކަން، ތަހުގީގަށް ހާމަވެފައިވާކަމަށެވެ. ހަމަލާ ދިން މީހާ އައިސްފައިވަނީ، ޑޮކްޓަރު ދުއްވާފައި ދިޔަ ކޮޅު ނޫން އަނެއްކޮޅުން، ދެމީހުން ދިމާވާ ގޮތަށްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވެރިޔާ އިތުރަށް ބުނެފައިވަނީ، މިއީ ސީދާ ރާވައިގެން ޑރ.މާކް އަށް ދިން ހަމަލާއެއްކަމެއް ނުވަތަ، ގަސްދުގައި ވަކި މީހަކަށް ދިން ހަމަލާއެއްކަމެއް ނުވަތަ މަގުމަތިން ދިމާވި ކަމެއްގެ ސަބަބުން އައި ރުޅީގައި ދިން ހަމަލާއެއްކަން އަދި ސާފުނުވާކަމަށެވެ. އެހެންނަމަވެސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފައެވެ. އަދި، ޑޮކްޓަރަށް ހަމަލާ ދިން އިރު މަގުމަތީގައި މީހުން ތިބިއިރު، އެމަންޒަރު އެފަރާތްތަކަށްވެސް ފެނިފައިވެއެވެ.

މިކަމާ ގުޅިގެން އެޤައުމުގެ ކުރީގެ ރައީސް ބުޝް ބުނެފައިވަނީ މި ޚަބަރު އަހާފައިވަނީ ވަރަށް ފުން ހިތާމައާއެކުގައިކަމަށެވެ. އަދި، އޭނާއަކީ ވަރަށް ރަނގަޅު ޑޮކްޓަރެއްކަމަށާއި، އޭނާ ދިން ފަރުވާތަކަށް އަބަދުވެސް ޝުކުރުވެރިވާނެކަމަށެވެ. އަދި، ޑރ.މާކުގެ އާއިލާއާއި ރައްޓެހިންގެ މި ހިތާމައިގައި ބައިވެރިވާކަމަށް ބުނެފައިވެއެވެ.

ޑރ. މާކް ވަނީ ބުޝް ވެރިކަމުގައި ހުރިއިރުވެސް، އޭނާއަށް ފަރުވާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ތިވާނީ ނިރުބަވެރި މީހަކު ކުރި ކަމަކަށް

  2. ނާލީ

    ތިވާނީ ކިބުރުވެރިކަމަކަށް