ޔޫރަޕާއި އެމެރިކާ ދިފާއުކުރުމަށް އުފައްދާފައިވާ އަސްކަރީ އިއްތިހާދު، ނޭޓޯއާއި ގުޅެން ސްވީޑަން އާބާދީގެ މެޖޯރިޓީގެ ތާއިދު އޮތް ކަމަށް ހިޔާލު ހޯދުން ތަކުން ދައްކައިފި އެވެ.

ހިޔާލު ހޯދުންތައް ނަގަމުންދާ ނޮވަސް އިންސްޓްޓިއިޓް ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުން ނޭޓޯއާ ގުޅެން އެގައުމުގެ 51 ޕަސެންޓް ތާއިދެވެ.

ސްވީޑަން އަކީ މިހާރު ވަކި ކޮޅަކަށް ނުޖެހޭ ގައުމެކެވެ. އަދި ކުރިން އެ ގައުމުން ނޭޓޯއާ ގުޅެން ގައުމުގެ ގިނަ ރައްޔިތުން ދެކޮޅެވެ. ނަމަވެސް ރަޝިއާއިން ޔުކްރޭންއަށް އަރައިގަތުމާއެކު މުޅި މަންޒަރު މިހާރު ވަނި ބަދަލުވެފަ އެވެ.

ސްވީޑަންއަކީ ރަޝިއާއާ ވަރަށް ކައިރި ގައުމަކަށްވާ އިރު ރަޝިއާއަކީ ސްވީޑަންއަަށް އޮތް ނުރައްކަލެއް ކަމަށް އެގައަުމުގެ ގިނަ ރައްޔިތުން މިހާރު ދަނީ ދެކެމުން ނެވެ.

ސްވީޑަންގެ ވެރިކަން ކުރާ ޕާޓީ "ސޯޝަލް ޑިމޮކްރެޓިކް" އިން ބުނީ ނޭޓޯއާ ގުޅުމާ ގުޅޭ ގޮތުން ޕާޓީގެ ތެެރޭގައި މަޝްވަރާކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ނޭޓޯއާ ގުޅުމާ އެ ޕާޓީން ވަރަށް ބޮޑަށް ދެކޮޅެވެ.

ސްވިޑަންއިން ނޭޓޯއާ ގުޅެން ވިސްނަމުންދާ އިރު ސްވިޑަންއާއި ރަޝިއާގެ އަވައްޓެރި ފިންލެންޑުން ވެސް މިހާރު ދަނީ ނޭޓޯއާ ގުޅެން ވިސްނަމުން ނެވެ. އަދި އަންނަ ޖޫން މަހު ފިންލެންޑުން ނޭޓޯއާ ގުޅެން ހުށަހަޅާނެ ކަަމަށް ގިނަ މާހިރުން ދަނީ ބުނަމުން ނެވެ.

ނޭޓޯ އުފެއްދީ 1949 ވަނަ އަހަރު އެވެ. ބާރަ ގައުމާއެކު ފެށި އެ އިއްތިހާދު ފުޅާވަމުން ގޮސް މިހާރު އެ އިއްތިހާދުގައި 30 މެމްބަރު ގައުމު ހިމެނެ އެވެ.

ރަޝިއާގެ ބޯޑަރު ކައިރީގައިވާ ބައެއް ގައުމުތައް ވެސް މިހާރު ނޭޓޯގައި ބައިވެރިވެ އެވެ. ރަޝިއާއިން ޔުކްރޭންއާ ދެކޮޅަށް ހަނގުރާމަ ފަށައިފައިވާ އިރު އެ ގައުމުން ނޭޓޯއާ ނުގުޅޭނެ ކަމުގެ ޔަގީންކަން ދިނުމަށް ރަޝިއާއިން ދަނީ ގޮވާލަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީރުބޮލު ވަޒީރު.

    ނޭޓޯ ހަދައިގެން އެމެރިކާ ލަސްކަރު ބޮޑުކުރަނީ. ބޭނުމަކީ ރަސިއާ ރުޅިއެރުވުން.

    2
    1
  2. މެސީ1

    ނޭޓޯއާއި ގުޅެފަ ބަހައްޓާ، ދެންފެންނާނީ ގައުމު ފުނޑޭތަން

    1
    1