ފަތުރުވެރިންތަކެއް ގޮވައިގެން ޖަޕާނުގެ ޝިރެޓޮކޯ ޕެނިންސުލާއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ބޯޓުން ފެނުނު 10 މީހުން ވެސް މަރުވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

"ކަޒު 1" ނަމަކަށް ކިޔާ މި ބޯޓު އެންމެ ފަހުން ފެނިފައިވަނީ ވެސް އެސަހަރައްދުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ބޯޓު ދިޔަވާން ފެށުމުން ކަމާއި ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އިދާރާތަކަށް ދެވުނުއިރު އޭގެއިން ދަތުރު ކުރި މީހުން ކަނޑުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ގެއްލުނުއިރު، ބޯޓުގައި 26 މީހަކު ތިއްބެއެވެ. އޭގެ ތެރެއިން ފެނިފައިވާ 10 މީހުންގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި ތިން އަންހެނުންނެވެ. މި އެންމެން ވެސް މަރުވެފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ ކޯސްޓް ގާޑުން ބުނެފައިވަނީ މަރުވެފައިވާ 10 މީހުންގެ ތެރެއިން ނުވަ މީހަކު ފެނިފައިވަނީ އެގައުމުގެ އުތުރު އައްސޭރިފަށުން ކަމަށެވެ.

ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހަކު މަރުވެފައިވާއިރު، ބާކީ 16 މީހުން ހޯދުމުގެ މަސައްކަތް ހެލިކަޕްޓަރުތަކުން އަންނަނީ ކުރަމުންނެވެ.

ޝިރެޓޮކޯ ޕެނިންސުލާއަށް ބޯޓު ދަތުރު ކުރި ނަމަވެސް ބޯޓު ގެއްލިފައިވަނީ ހޮކައިޑޯގެ ފްރިގިޑް ވޯޓާސް ސަރަހައްދަށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.