ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވެފައި ތިއްބާ ސަލާމަތް ކުރި ކުދިންނާއި ބޭރުގެ މީޑިއާތަކުން ސުވާލުތައް ކުރިމަތި ކުރާތީ ތައިލެންޑް ސަރުކާރުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ތައިލެންޑް ސަރުކާރުން ބުނީ ދެހަފްތާ ވަންދެން ހޮހޮޅައެއްގައި ތާށިވެފައި ތިއްބާ ފެނުނު ކުދިންނާއި ބޭރުގެ މީޑިއާތަކުން ސުވާލު ކުރަމުން ގެންދަނީ ހެދިފައި ހުރި ޤާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން ބޭރުގެ މީޑިއާތަކުން ކުދިންގެ ޙައްޤުތަކަށް އިހްތިރާމް ކުރުމެއް ނެތި، އެކުދިންގެ ގޭގެއަށް ގޮސް ސުވާލުތައް ކުރިމަތިކުރާތީ." ތައިލެންޑްގެ ޑެޕިއުޓީ ޕާމަނަންޓް ސެކެޓްރީ އޮފް ޖަސްޓިސް ވިދާޅުވިއެވެ.

އޭނާ ވަނީ އަނިޔާ ލިބިފައިވާ ކުދިންނާއި މީޑިއާތަކުން ސުވާލު ކުރާއިރު އަމަލު ކުރުމަށް ތައިލެންޑް ސަރުކާރުން އެކުލަވާލާފައިވާ ގައިޑްލައިނަށް ބޯލެނބުމަށް މީޑިއާތަކަށް ގޮވާލާފައެވެ.

ތައިލެންޑް ސަރުކާރުން އެކުލަވާލާފައިވާ ގައިޑްލައިނެއްގައި ބުނެފައިވާ ގޮތުގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލު ކޮށްފައިވާ ކުއްޖަަކާއި މީޑިއާތަކަށް ސުވާލު ކުރެވޭނީ ސައިކޭޓްރިސްޓެއްގެ ހާޒިރުގައެވެ.

ހޮހޮޅައިގައި ތާށިވި ކުދިން މިދިޔަ ހަފްތާގައި ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ވެސް ސަރުކާރުން ވަނީ މީޑިއާތަކުން އެކުދިންނާއި ސުވާލު ނުކުރުމަށް އެދިފައެވެ.

ކުދިން ނިސްބަތްވާ ޗިއަންގް ރައި ޕްރޮވިންސްގެ ގަވަރުނަރު ވަނީ ހޮހޮޅައިގައި ތާށިވި ކުދިން ހިމާޔަތް ކުރަން ހޮނިހިރު ދުވަހު ޤަރާރެއް ވެސް ނެރުއްވާފައެވެ. ތައިލެންޑްގެ ކުޑަކުދިންނާއި ބެހޭ ޤާނޫނުގެ ދަށުން ނެރުއްވި އެޤަރާރުގައި ވަނީ "ވައިލްޑް ބޯ" ޓީމްގައި ހިމެނޭ ކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ލިބިފައިވާ ކުދިންތަކެއް ކަމަށެވެ.

އެޤަރާރު ނެރުމުން ޤާނޫނާއި ހިލާފަށް އެކުދިންނާއި ސުވާލު ކުރާ ނޫސްވެރިން 1800 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމާއި އެކު ހަމަސް ދުވަހަށް ޖަލަށް ލުމުގެ ބާރު ލިބިގެންވެއެވެ.

ހޮހޮޅައިގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗް ސަލާމަތް ކުރުމަށް ހިންގި ބޮޑު އޮޕަރޭޝަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާތީ އެކުދިންގެ ވާހަކަތައް ގެނެސްދިނުމަށް މީޑިއާތަކުން މިހާރު ވެސް ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.