އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 10 މީހުން މަރުވެ 20 މީހުން ޒަހަމްވެއްޖެއެވެ.

އަފްޣާނިސްތާނުގެ ދާހިލީ ވުޒާރާގެ ޑެޕިއުޓީ ތަރުޖަމާނު ބެސްމުއްލާ ހަބީބް ވިދާޅުވީ، އިއްޔެ ބޮން ގޮއްވާލާފައިވަނީ ކާބުލްގެ ހުޅަނގުގައި ހުންނަ ހަލީފާ އާގާ ގުލް ޖާން މިސްކިތުގައި ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނުގެ ގަޑިން މެންދުރުފަހު 2 ހާއިރު ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ކާބުލްގެ މެދުތެރޭގައި ހުންނަ އިމަޖެންސީ ހޮސްޕިޓަލުން އިއްޔެ ބުނެފައިވަނީ، 21 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި ދެ މީހަކު ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ ބޮން ގޮއްވާލި ހާދިސާ ކުށްވެރިކޮށް ބަޔާނެއް ނެރެ، އެކަން ކުރި މީހުން ހޯދައި، އަދަބު ދޭނެ ކަމަށް ބުނެފައެވެ.

ފާއިތުވި ހަފްތާތަކުގައި އަފްޣާނިސްތާނުގައި ބޮމުގެ ހަމަލާތަކެއް ދީ އާންމުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައިވެއެވެ. އޭގެތެރެއިން ބައެއް ހަމަލާތައް ދީފައިވަނީ އައިއެސްއިން ކަމަށް ބުނެ އެ ޖަމާއަތުން ވަނީ ޒިންމާ އުފުލާފައެވެ.

އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ ގަވަރުނަރުން ބުނާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އެ ގައުމުން ވަނީ އެ ގައުމު އަމާންކޮށްފައެވެ.
ނަމަވެސް، ބައިނަލްއަޤްވާމީ އޮފިޝަލުންނާއި ތަޖުރިބާކާރުން ބުނާ ގޮތުގައި އަފްޣާނިސްތާނުގައި ދެމުންދާ ހަމަލާތައް ނިމުމަކަށް ނާދެއެވެ.

މީގެ ތެރެއިން ގިނަ މާރާމާރީތައް އަމާޒުކޮށްފައިވަނީ ޝިޔައީންގެ ދީނީ މައިނޯރިޓީއަށެވެ. އަދި ސުންނީގެ މިސްކިތްތަކަށްވެސް ވަނީ ހަމަލާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ކޮންމެ ހުކުރު ދުވަހަކު އިސްލާމިކް ޓެރަރިޒަމްގެ އަމަލު ތައް މެކުހައް

  2. ބީރުބޮލު ވަޒީރު.

    ނަމުގައި މުސްލިމުން. އިސްލާމްދީން ފަސާދަކުރާ މުއްލާތަށް. ވަރަށްވެސް ހިތްދަތި ހަބަރުތަކެއް