އަންހެނުންނާއި އަންހެން ކުދިން ރޭޕުކުރުމޭ އެއްގޮތަށް، މަސްތުވާތަކެތި ބޭނުންކުރުމަކީވެސް، އިންޑިޔާގެ ބައެއް ސަރަޙައްދުގައި މިހާރު އާއްމުވެފައިވާ ވަބާއެކެވެ. ވަކީން ޚާއްޞަކޮށް އެޤައުމުގެ އުތުރުގައި އޮންނަ ޕަންޖާބު އާއި ހަރިޔާނާ ސްޓޭޓުގައި މި މައްސަލަ ވަނީ އިންތިހާ ދަރަޖައަށް ގޮސްފައެވެ. މިކަމުގެ ސަބަބުން، އެތައް ހަރުކަށި ފިޔަވަޅެއް އެޅުމަށްވެސް، އެސަރަޙައްދުގެ ސަރުކާރަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕަންޖާބު އާއި ހަރިޔާނާ ސްޓޭޓުގައި އަލަށް ކައިވެނިކުރާ ފިރިހެނުން، މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުގެ މަސައްކަތް ފެށުމަށްވަނީ ނިންމާފައެވެ. މިކަން ކުރުމުގެ ގޮތުން، ބޭނުންވާ އާލާތްތަކާއި އެނޫންވެސް ވަސީލަތްތައް، އެކި ސަރަޙައްދުތަކަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.

އެހެންނަމަވެސް، އަލަށް ކައިވެނި ކުރާ ފިރިހެނުން، މަސްތުވާތަކެއްޗަށް ޓެސްޓު ކުރާނީ، އެމީހުންނާއި އެމީހުންގެ އާއިލާތަކުން މިކަމަށް އެއްބަސްވާކަމުގައިވާނަމަ ކަމަށް، އެސަރަޙައްދުތަކުގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލްތަތަކުން ބުނެފައިވެއެވެ.

އެސަރަޙައްދުގެ ސަރުކާރުތަކުން ބުނެފައިވާ ގޮތުގައި މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ޖެހުނީ، އެތައް މައްސަލައެއް ސަރުކާރަށް ހުށަހަޅާފައިވާތީ އަދި ހުށަހަޅަމުން ދާތީއެވެ. އެގޮތުން، އެރޭންޖުކޮށްގެން ކުރާ ކައިވެނިތަކުގައި، ދެ މީހުން ކައިވެނި ކުރާ ފަހުން އެކަކަކީ މަސްތުވާތަކެތީގެ އެކި ބާވަތްތަކަށް ދެވި ހިފާފައިވާ ނުވަތަ އެޑިކްޓް ވެފައިވާ މީހުންކަން އެނގުމުން، އެތައް މައްސަލައެއް ކުރިމަތިވާކަމަށްވެއެވެ.

މިކަމުގެ ސަބަބުން އަލަށް ކުރާ އެތައް ކައިވެންޏެއް، ކުރު މުއްދަތެއްގެ ތެރޭގައި ރޫޅިގެންދާކަމަށްވެސް، ޕަންޖާބް އާއި ހަރިޔާނާގެ ސަރުކާރުތަކުން ބުނެފައިވެއެވެ.

އެފަރާތްތަކުން އުންމީދު ކުރަނީ މިކަމުގެ ސަބަބުން، މި މައްސަލައަށް އަވަސް، ރަނގަޅު ހައްލެއް ލިބިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިރިން ބެއްޔާ

    ތީ ވަރައް ރަގަޅުކަމެއް.. ތިކަމުގެ ސަބަބުން މުޖުތަމައު އައް ވަރައް ފައިދާ ކުރާނެ.

  2. އަބްދުއްލާ

    ރާއްޖޭގަ ކުރެވިދާނެ ދޯ . ހުރިހާ ފިރިހެނުން މަސްތުވާތަކެއްޗަށް ޓެސްޓް ޕޮޒިޓިވް ވާމީހުން ރިހިބިލިޓޭސަނަށް . ކުރަން ރަނގަޅުކަމެއް.

  3. ޝާނީ

    ރާއްޖެ މިހާރު އޮތީ މަސްތުވާ ތަކެތީގެ މައްސަލާގައި ތިޔަ ބިހާރަކަށްވުރެވެެސް ކުރީގައި މިތަނުގައި މިހެން ނުހަދާންޖެހޭ އެއްވެސް ސަބަބެއް ނެތެއްނު. އެކަމު ކުރިއްޔާތާ ވާނީ. އެކަންވެސް އޮންނާނީ ސިޔާސީވެފަ. ކިތައް އާއިލާ މިކަމާހެދިގެން އެދަނީ ރޫޅިގެން. އެއްކުއްޖަކު ދެކުއްޖަކު ލިބުމަށްފަހު