ކާބުލްގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ތާލިބާނުން ހުއްޓާލައިފިއެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ސަރުކާރުން އަންހެނުންނަށް ޑްރައިވިން ލައިސަންސް ދޫކުރުން ހުއްޓާލާފައިވާ ކަމަށް ހާމަކޮށްފައި ވަނީ އެގައުމުގެ މީޑިއާތަކުންނެވެ. މި މަނާކުރުން އައިސްފައި މިވަނީ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެ ގައުމަށް ގެއްލުންދެނިވި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ތާލިބާނުން ވެރިކަމާ ހަވާލުވުމުގެ ކުރިން އަފްޣާނިސްތާނުގެ ބައެއް ބޮޑެތި ސިޓީތަކުގައި އަންހެނުން އެއްގަމު އުޅަނދުތައް ދުއްވަމުން ދިޔަ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ތާލިބާނުން މިހާރު އަންހެނުންނަށް ޑްރައިވިން ލައިސަންސް ދިނުން ހުއްޓާލާފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ގޯސްވެފައި މިވަނީ އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓުމާއި ތާލިބާނުން މިދިޔަ އަހަރުގެ އޮގަސްޓްމަހު އަލުން ވެރިކަމަށް އައި ފަހުންނެވެ.

އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑެތި ޖަރީމާތައް ހުއްޓުމެއްނެތި، ޚާއްޞަކޮށް އަންހެނުންނާ ދެކޮޅަށް ދަނީ ހިނގަމުންނެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ސަރުކާރުން ދާދިފަހުން ނެރުނު ގަރާރެއްގައި ވަނީ ގްރޭޑް ހަތަކުން މަތީގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށްފައެވެ. އެކަން މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށްފައެވެ. އޭގެ ފަހުން އެ ޖަމާއަތުގެ ލީޑަރުން ބުނެފައި ވަނީ އެ ފިޔަވަޅު އެޅީ ފާޅުކަން ބޮޑު ގޮތެއްގައި "ޓީޗަރުން މަދުވުމުގެ" ސަބަބުން ކަމަށާއި ގްރޭޑް ހަތަކުން ބޭރުގައި ކިޔެވުމުގެ ހައްގު އަންހެން ކުދިންނަށް "ވަރަށް އަވަހަށް" އަލުން ލިބޭނެ ކަމަށެވެ.