އިރުމަތީ އޭޝިއާގައި ޔޫކްރެއިންގެ ހާލަތު ތަކުރާރުވެދާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވެއްޖެއެވެ.

ޓައިވާން ސްޓްރެއިޓްގައި ސުލްހަ އާއި ހަމަޖެހުން ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެ، ބޮޑެތި ބާރުތަކުން އެއް ބައެއްގެ ގޮތުގައި އިޖާބަ ނުދީފިނަމަ، އިރުމަތީ އޭޝިއާގައި ޔޫކްރެއިންގެ އިންގިލާބު ތަކުރާރު ވެދާނެ ކަމުގެ އިންޒާރު ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ ދެއްވައިފައެވެ.

ބުރާސްފަތި ދުވަހު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއެކު ލަންޑަންގައި ބޭއްވި ބައްދަލުވުމަށްފަހު ތަރުޖަމާނެއް މެދުވެރިކޮށް ލަންޑަންގައި ވާހަކަ ދައްކަވަމުން ކިޝީޑާ ވިދާޅުވީ، މިވަގުތަކީ ގްރޫޕް އޮފް ސެވަން (ޖީ7)ގެ ގައުމުތަކުގެ އެއްބައިވަންތަކަން ވަރުގަދަ ކުރަންވީ ވަގުތު ކަމަށެވެ.

އަދި، ދުނިޔޭގެ އަގުތައް ހިއްސާކުރާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ، މާ މުހިންމު ކަމެއް ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ވާހަކައިގައި، އިންޑޯ ޕެސިފިކްގައި، ހާއްސަކޮށް އިރުމަތީ އޭޝިޔާގައި ބާރުގެ ބޭނުންކޮށްގެން، ހާލަތު ބަދަލުކުރުމަށް އެކަހެރި ގޮތެއްގައި މަސައްކަތް ކުރުމަކީ، އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ޔޫކްރެއިން މާދަމާ އިރުމަތީ އޭޝިއާއަށް ވެދާނެ." ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ޔޫކްރެއިންގެ މައްޗަށް ރަޝިޔާއިން އަރައިގަތް ފަހުން ޓައިވާނުން ވަނީ އެގައުމުގެ އެލާޓް ލެވެލް މަތިކޮށްފައެވެ.

"ޓައިވާން ސްޓްރެއިޓްގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އޮތުމަކީ ހަމައެކަނި ޖަޕާނުގެ ސަލާމަތަށް ޓަކައި އެކަނި ނޫން، ބައިނަލްއަގުވާމީ މުޖުތަމައުގެ ހަމަޖެހުމަށް ވެސް ވަރަށް މުހިންމު ކަމެއް،" ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ކިޝީޑާ ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ނަތީޖާތަކެއް ނުކުމެދާނެކަން ޖީ7އިން ދައްކަން ޖެހޭނެ ކަމަށާއި، ރަޝިޔާގެ އެސެޓް ފްރީޒް ލިސްޓަށް އިތުރު 140 އެއްހާ މީހުން އިތުރުކުރާއިރު އެކްސްޕޯޓް ކުރުން މަނާކުރާ ގަރާރު ރަޝިޔާގެ އަސްކަރީ ފާމްތަކަށް ފުޅާކުރާނެ ކަމަށެވެ.