ވަރަށް މަދުން ނޫނީ ނުފެންނަ "މަންކީ ޕޮކްސް" ޖެހިފައިވާ މީހެއް އިންގްލެންޑުން ފެނިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނެފިއެވެ.

އެކަކު ގައިން އަނެކަކު ގަޔަށް އަރާ މި ބައްޔަކީ އާންމު ގޮތެއްގައި މަދު އަލާމާތްތަކެއް ފެންނަ ބައްޔަކެވެ. އަދި ގިނަބަޔަކު މަދު ހަފުތާކޮޅެއްގެ ތެރޭގައި މި ބަލިން ރަނގަޅުވާއިރު، މިއީ "ހިއުމަން ޕޮކްސް" ކަހަލަ އަލާމާތްތައް ފެންނަ ބައްޔެކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި ބުރަކަށީގައި ރިއްސުމާއި، ވަރުބަލިވުން ހިމެނެއެވެ.

އެހެން ނަމަވެސް ބަލީގެ ބޮޑުވަރުވާ މީހުންވެސް އުޅޭ ކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، "މޮންކީ ޕޮކްސް" ޖެހިފައިވާ އެ ނައިޖީރިއާއިން އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ އެ ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހެކެވެ. އެއީ ނައިޖީރިއާއަށް ވަރަށް ފަހުން ދަތުރު ކުރި މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެ މީހާއަށް ލަންޑަންގައި ހުންނަ ގާއިސް އެންޑް ސެއިންޓް ތޯމަސް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ އެކްސްޕާޓް އިންފެކްޝަސް ޑިޒީޒް ޔުނިޓްގައި ދަނީ ފަރުވާދެމުންނެވެ.

އެންއެޗްއެސްއިން ބުނާ ގޮތުގައި، މައިގަނޑު ގޮތެއްގައި މޮންކީޕޮކްސް ފެތުރެނީ ހުޅަނގު ނުވަތަ މެދުތެރޭ އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި އުޅޭ ވަލު ޖަނަވާރުތަކުން ކަމަށާއި، އިނގިރޭސިވިލާތުން އެ ބަލި ޖެހުން ވަރަށް ނާދިރު ކަމަށެވެ.

އަދި މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގާތުން އެއްތާވެގެން ކަމަށާއި ނަމަވެސް އާންމު އާބާދީއަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް ބުނެފައި ވެއެވެ.

ޔޫކޭއެޗްއެސްއޭގެ ޑައިރެކްޓާ އޮފް ކްލިނިކަލް އެންޑް އިމާޖިން އިންފެކްޝަންސް ޑރ ކޮލިން ބްރައުން ވިދާޅުވީ، އެ ގައުމަށް އެތެރެވާ ގައިންގަޔަށް އަރާ ބަލިތަކުގެ ވޭދަނަތާކައި ކުރިމަތިލުމުގައި ހަރުދަނާ އިންފެކްޝަން ކޮންޓްރޯލް ޕްރޮސީޖާތަކެއް ޔޫކޭއެޗްއެސްއޭ އާއި އެންއެޗްއެސްއިން ގާއިމްކޮށްފައި ކަމަށެވެ. އަދި މިކަންތައްތަކަށް ހަރުކަށި ކަމާއެކު އަމަލު ކުރަމުން ދާނެ ކަމަށް ވިދާޅުވިއެވެ.

ޕަބްލިކް ހެލްތު އިންގްލެންޑުން ބުނާ ގޮތުގައި، މަންކީ ޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރުއެވެ. އެއި ދިރާސާކުރުމަށް ބަހައްޓާފައި ހުރި ރާމާމަކުނުތަކެއްގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

އަދި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން އިންސާނުންގެ ގައިން މި ބަލި ފެނިފައިވަނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގައި އިންގްލެންޑްގައި މީހަކު މި ބަލީގެ ޝިކާރައަކަށް ވިއެވެ. އަދި 2018 ވަނަ އަހަރު އިސްރާއީލަށް ޒިޔާރަތް ކުރި ދެ މީހެއްގެ ގައިން އެ ބަލި ފެނުނުއިރު، 2019 ވަނަ އަހަރު ސިންގަޕޫރުންވެސް އެ ބަލި ފެނުނެވެ.