ގަވާއިދާ ހިލާފަށް އިންޑޮނޭޝިއާގައި އުޅޭ ޕާކިސްތާނުގެ ހިޖުރަވެރިން އެގައުމުގެ މިސްކިތްތަކަށް ޒަކާތުގެ ގޮތުގައި ލިބޭ ތަކެއްޗާއި ހަދިޔާތައް ނަގާކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އިންޑޮނޭޝިޔާގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ ޕާކިސްތާނުގެ ހިޖުރަވެރިން އެގައުމުގެ މިސްކިތްތަކުން ހަދިޔާ އެއްކުރަމުން ދިޔަ މަންޒަރު ވަނީ ފެނިފައެވެ. އޭގެ ސަބަބުން ޒަކާތުގެ އިސްލާމީ އާދަކާދައަށް ނުބައި ނަމެއް އަންނަ ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

ޕާކިސްތާނުން ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުންގެ ހަރަކާތްތަކަކީ އިންޑޮނޭޝިއާއަށް ގޮންޖެހުން ބޮޑު ހަރަކާތްތަކެއްކަން ދަނީ ސާބިތުވަމުންނެވެ.

އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަމުގައި ހިމެނޭ ޒަކާތަކީ އެތައް މިލިއަން ބައެއްގެ ވޭންލުއިކޮށްދިނުމުގެ ގޮތުން ކުރެވޭ މާތް މަތިވެރި އަޅުކަމެކެވެ. މިއީ ފަގީރުންނާއި މިސްކީނުންނަށް އަދި ބޭނުންޖެހިފައިވާ އެފަދަ ފަރާތްތަކަށް ދޭ އެއްޗެކެވެ.

މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އިންޑޮނޭޝިއާގައި މުސްލިމުން ބަރާބަރަށް ޒަކާތް ދެމުންދާއިރު ޕާކިސްތާނުން ގަވައިދާ ހިލާފަށް އެގައުމުގައި އުޅޭ ނެޓްވޯކްތަކުގެ ސަބަބުން އެ ގައުމަށް މިހާރު ދަނީ ގެއްލުންތައް ވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ކަމާބެހޭ ފަރާތްތަކުން ރާވާފައިވަނީ ވަރަށް އަވަހަށް މި މީހުން ޕާކިސްތާނަށް ޑީޕޯޓްކުރުމަށެވެ. އެނގިފައިވާ ގޮތުގައި މިހާރު މި މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުން ހައްޔަރު ކުރީ މިސްކިތްތަކަށް ހަދިޔާ ހޯދުމަށް ދެ ބިދޭސީއަކު ދާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުމާ ގުޅިގެންނެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިއީ، ދެމަސް ދުވަހުގެ ތެރޭގައި، އިންޑޮނޭޝިއާގައި ގަވާއިދާ ޚިލާފަށް ފަންޑު އެއްކުރުމުގެ މަސައްކަތުގައި ޕާކިސްތާނު މީހުން ބައިވެރިވިކަން ސާބިތުވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ވެސް ހަމަ އެ ތުހުމަތުގައި ޕާކިސްތާނުގެ ހަތަރު މީހަކު ވަނީ ޑީޕޯޓްކޮށްލާފައެވެ.