އަލްޖަޒީރާގެ ފަރާތުން ފަލަސްތީންގެ ޚަބަރުތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވަމުން އައި ތަޖުރިބާކާރު ނޫސްވެރިޔާ ޝިރީން އަބޫ އަގްލާގެ ޖަނާޒާއަށް އިސްރާއީލުން ހަމަލާ ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝީރީން މަރުވެފައިވަނީ އިސްރާއީލުގެ ސިފައިން އޭނާގެ ބޮލަށް ދިން ބަޑީގެ ހަމަލާގެ ސަބަބުން މިމަހުގެ 11 ވަނަ ދުވަހުއެވެ. ހަމަލާތަކާއި ގުޅިގެން އިސްރާއީލުން މީގެ ކުރިން ވަނީ އެއީ އިސްރާއީލުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ.

ޝީރީންގެ ޖަނާޒާއަށް 1000 އަށްވުރެ ގިނަ މީހުން އެއްވެފައިވާއިރު، އިސްރާއީލުން މިއަދު އަނެއްކާ ވެސް އެޖަނާޒާއަށް އަމާޒުކޮށް ހަމަލާއެއް ދީފައެވެ. އެގޮތުން ޖަނާޒާގައި ބައިވެރި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އަދި ޝީރީންގެ ސަންދޮތް ބިންމައްޗަށް ވައްޓާލަން ވެސް އިސްރާއީލް ސިފައިން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތައް ވެސް މީސްމީޑީއާގައި މިހާރު އަންނަނީ އާންމުވަމުންނެވެ.

ޝީރީން މަރުވިއިރު، އޭނާ ކައިރީގައި ތިބި އެހެން ނޫސްވެރިންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އެދުވަހު ދިން ހަމަލާއަކީ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ ހަމަލާއެއް ކަމަށެވެ. މިހަމަލާގައި އިތުރު ނޫސްވެރިއަކަށް ވެސް އެކި ވަރުގެ ޒަހަމްތަކެއް ލިބިފައެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އަލްޖަޒީރާ އިން ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ގޮތުން އިސްރާއީލުން އަބަދުވެސް ނުރުހުން ފާޅުކުރެއެވެ. މީގެ ކުރިން ވެސް އިސްރައީލް ސިފައިން ވަނީ ފަލަސްތީންގެ ނޫސްވެރިންނަށް ހަމަލާދީ ނޫސްވެރިން ޝަހީދުކޮށްފައެވެ.

ޝީރީނަކީ 1997 ވަނަ އަހަރުން ފެށިގެން އަލްޖަޒީރާގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމެއްކޮށްދީ

    ލޭއެބަ ކެކޭ އެކަމަކު ކީކުރާނީ؟ ތި އަނިޔާވެރިން ނަށް ކަމެއްކޮށްލާނޭ ބައެއް ނެތްތަ؟ތާޑް ލެބަނަން ވަރ ހިޒްބުﷲ ފަށައިފިއްޔާކޮންފަދަ.2006ގައި އިޒްރޭލް ތަރަތަރަޖަހާރުއި ގޮތައް ހިޒްބުﷲ އާ އިޒްރޭލާ ހަނގުރާމަ އަދި އެއްފަހަރުކުރާތަން ދެކެން ބޭނުން..ދުއާ

    25