އުތުރު ކޮރެއާގެ ހުދުމުހުތާރު ލީޑަރު ކިމް ޖޮން އުންގް އާއި ވައްތަރު މީހަކު އޮސްޓްރޭލިއާގެ އިންތިހާބަކަށް ހުރަސް އަޅައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކިމް ޖޮންގް އުންގް އާއި ވައްތަރު އެމީހާއަކީ ހޮވާޑް އެކްސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހުރަސް އަޅާފައިވަނީ އެގައުމުގެ ކުރިއަށް ދިޔަ ފެޑެރަލް އިލެކްޝަން ކެމްޕޭނަށެވެ. އެކެމްޕޭނަށް އޭނާ ހުރަސް އަޅާފައިވާއިރު، އެގައުމުގެ ބޮޑު ވަޒީރު، ސްކޮޓް މޮރިސަން ވެސް ވަނީ އެ ކެމްޕޭނުގައި ބައިވެރިވެފައެވެ.

ކެމްޕޭނުގައި އެންމެން ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް ހޮވާޑް ވަނީ އެންމެންގެ ސަމާލުކަން ހޯދަން މީޑިއާގެ ކުރިމައްޗަށް އަރައި ވާހަކަ ދައްކަން ފަށާފައެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އޮސްޓްރޭލިއާއަށް ބޭނުންވަނީ ގްލަޑީސް ލިއު ކަހަލަ މީހެއް ކަމަށާއި އޭނާ ހޮވޭނެ ކަމަށެވެ. އޭނާ އެވާހަކަތައް ދައްކަން ފެށުމުން ބޮޑުވަޒީރުގެ އަރިސް ބޭފުޅަކު ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އޭނާ ބުނެފައިވަނީ "ސުޕްރީމް ލީޑަރުގެ ގާތުގައި ކުރަން ޖެހޭ ކަމެއް ބުނާކަށް ނުޖެހޭނެ" ކަމަށެވެ.

އޭނާގެ އެވާހަކަތައް އަޑުއިވުމާއި އެކީ އެންމެންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އަދި ހޮވާޑް ވަނީ އެވާހަކަތައް ދެއްކުމަށްފަހު އެތަން ދޫކޮށް ގޮސްފައެވެ.

އެކެމްޕޭނުގައި ވާދަ ކުރާ ގްލަޑީސް ލިއު އަކީ ކެމްޕޭނުގައި ވާދަ ކުރާ މެމްބަރުންގެ ތެރެއިން އެގައުމުގައި އެންމެ ގިނަ އަހަރުވަންދެން އުޅެފައިވާ ކެނޑިޑޭޓެވެ.