ޕާކިސްތާނުން ޕޯލިއޯގެ އިތުރު ވޭދަނައެއް ފެނިފައިވާކަން އިއުލާނުކޮށްފިއެވެ. މިއީ އެ ގައުމުން މި އަހަރު ފެނުނު ޕޯލިއޯގެ ތިން ވަނަ ވޭދަނައެވެ. މިދިޔަ އަހަރު އެ ގައުމުން ފެނިފައި ވަނީ ޕޯލިއޯގެ އެންމެ ވޭދަނައެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ވޭދަނަ ފެނުނީ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ އުތުރު ވަޒިރިސްތާނު ޑިސްޓްރިކްޓުންނެވެ. އެ ބަލި ފެނިފައި ވަނީ އުމުރުން އެއް އަހަރުގެ ކުއްޖެއްގެ ގައިން ކަމަށާއި، އެ ވަލީގެ ސަބަބުން އެ ކުއްޖާ ޕެރަލައިޒް ވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިއީ އެފަދަ ވޭދަނައެއް ކަން އެނގުނީ މިރަންޝާހް ޓައުނުގައި މި މަހުގެ ދެ ވަނަ ދުވަހު އެ ކުއްޖާ ޕެރަލައިޒްވުމުގެ މައްސަލަ ދިމާވެގެން ދެއްކުމުންނެވެ.

އަދި އެ ކުއްޖާ ޕޯލިއޯއަށް ފައްސިކަން އިސްލާމްއާބާދުގެ އެންއައިއެޗްގައި ހުންނަ ޕާކިސްތާން ނެޝަނަލް ޕޯލިއޯ ލެބޯޓްރީމް މި މަހުގެ 14 ވަނަ ދުވަހު ކަށަވަރުކޮށްދިނެވެ.

ހެލްތު މިނިސްޓަރު އަބްދުލް ޤާދިރް ޕަޓޭލް ވިދާޅުވީ މި ބަލީގެ ސަބަބުން އެހެން ކުއްޖަކު އުމުރު ދުވަހަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއްގައި ހުންނަން ޖެހިފައިވާ ކަމަށެވެ.

ޕާކިސްތާނުން 15 މަސް ދުވަސް ފަހުން ޕޯލިއޯގެ ފުރަތަމަ ވޭދަނަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ، އެފަހަރު އެ ބައްޔަށް ފައްސިވީ އެއް އަހަރާއި ތިން މަހުގެ ކުއްޖެކެެވެ. މި އަހަރުގެ ދެވަނަ ވޭދަނަ ރިޕޯޓުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.

މި އަހަރުގެ މި ތިން ވޭދަނަވެސް ރިޕޯޓްކޮށްފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި އޮންނަ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ އުތުރު ވަޒިރިސްތާނުގައެވެ.

އަފްޣާނިސްތާނާއި ޕާކިސްތާން ފިޔަވައި އެހެން ހުރިހާ ގައުމެއްގައި ޕޯލިއޯ ނައްތާލެވިފައިވާ ކަމަށް އެ ގައުމުތަކުން ވަނީ މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެވެ.

ޕޯލިއޯ އާއްމުކޮށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށް ވެއެވެ. މި ވައިރަސް ޖެހޭ ގިނަ ކުދިން ނުކުޅެދޭ ކުދިންނަށް ވެއެވެ.

ޕޯލިއޯއަކީ ފަރުވާއެއް ނެތް ބައްޔެއް ކަމަށް ވިޔަސް، ވެކްސިން ދިނުމުން ކުޑަކުދިން އެ ބަލިން ސަލާމަތް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު