ގާނޫނު ހަދާ މަޖިލީހުގައި ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީ އެސްއެލްޕީޕީ ތަމްސީލް ކުރާ ދެމެންބަރަކު މިއަދު ހައްޔަރުކޮސްފިއެވެ. ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ޕާޓީ ކަމަށްވާ އެސްއެލްޕީޕީގެ ދެމެންބަރަކު ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 09 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ގޯލްފޭސްގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް ގޯލްފޭސްގައި މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއަށް ރައީސް ގޮތަބަޔާ އާއި އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދްރަ ރާޖަޕަކްސައަށް ތާއިދުކުރާ ފަރާތްތަކުން ވަދެ ހަމަނުޖެހުން ހިންގިއެވެ. އެހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ތާއިދު ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގެދޮރާއި ވެހިކަލްތަކާއި އޮފީސްތަކުގައި ހުޅު ޖަހާފައެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ހައްޔަރު ކޮށްފައި ވަނީ އެސްއެލްޕީޕީއަށް ނިސްބަތްވާ މެންބަރު ސަނަތު ނިޝާންތަ އާއި މެންބަރު މިލާން ޖަޔަތިލަކައެވެ. ގާނޫނު ހަދާ މަޖިލީހުގެ ދެމެންބަރުން ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނީ ދެމެންބަރުން ވެސް ހައްޔަރު ކޮށްފައި ވަނީ ގޯލްފޭސްގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ކުރަމުން ގެންދާ ތަހްގީގަށް ކަމަށެވެ.

ދެމެންބަރަކު ހައްޔަރު ކޮށްފައި މިވަނީ ގޯލްފޭސްގައި ހަމަނުޖެހުން ހިންގި ސަރުކާރަށް ތާއިދު ކުރާ ފަރާތްތައް ހައްޔަރު ނުކުރާ ކަމަށް ބުނެ ވެރިރަށް ކޮލަމްބޯގައި ހުންނަ ފުލުހުންގެ މައި މަރުކަޒު ކައިރީ އިއްޔެ އާއި މިއަދު މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

މިމަހުގެ 09 ވަނަ ދުވަހު ހިންގި ހުޅުޖެހުމުގެ ހާދިސާ އާއި ގުޅިގެން ވެސް ސްރީލަންކާ އިން ވަނީ ގިނަ ބަޔަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 160 އަށް ވުރެ ގިނަ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު