އޮގަސްޓް މަހުގެ ތެރޭގައި ސްރީލަންކާއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އެގައުމުގެ އާ ބޮޑު ވަޒީރު ރަނިލް ވިކްރެމެސިންގް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ، އެގައުމުގެ ސަރުކާރާއި ދެކޮޅަށް ގޯލް ފޭސްގައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިން އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާ ކަމަށާއި ނަމަވެސް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ކާރިސާއާއި ގުޅިގެން ރައީސް އިސްތިއުފާ ދެއްވުމާ މެދު ތަފާތު ދެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ލަންކާގެ ބާ އެސޯސިއޭޝަނުން ދެކޭ ގޮތުގައި އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި 20 ވަނަ އިސްލާހު އުވާލަން ޖެހެއެވެ. ނަމަވެސް ރައީސް އިސްތިއުފާ ދެއްވުމާއި ބެހޭ ގޮތުން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

"އަޅުގަނޑު ލަފާދިނީ 21 ވަނަ އިސްލާހު ފާސްވުމުން، އެއީ މަޖިލީހާއި ބޮޑުވަޒީރު ހަރުދަނާ ކުރުމަށް 19 ވަނަ އިސްލާހު އަލުން އިއާދަކުރަން ޖެހޭ ކަމެއް، ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއި ރައީސް މަޝްވަރާ ކުރައްވައި، ކުރިއަށް އޮތް ތަނުގައި ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަވަން ޖެހޭނެ ކަމަށް،" ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ، މިހާރު ލަންކާގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ގޮވާން ހައްދަން ބޭނުންވާ ގަސް ކާނާ ނުލިބުމުގެ ސަބަބުން ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި އެގައުމަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

"އޮގަސްޓް މަހުން ފެށިގެން ލަންކާގައި ކާބޯތަކެތީގެ ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް. އެއީ ދުނިޔޭގެ ކާބޯތަކެތީގެ ކާރިސާއެއް ވެސް ކުރިމަތިވާނީ ހަމަ އެ ދުވަސްވަރު. އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީ ކިހިނެތްތޯ ބަލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ކެނެރީގޭ ދަންނަ ބޭކަލެއް ހުންނާނެ ތިކަންވެސް ހައްލުކުރަން އެހީތެރިވާން ރަނިލްއާއެކު.

    7
    2
  2. ރަބަރޭ

    އެކަލޭގެ އަށް ރައީސްކަންދީ އޭރުން ތިޔަކަންތަށް ހައްލުވީ ރޯނުއެދުރު

    1
    1
  3. ރަންރިހި

    ތެދެއް އަންނި ހުންނާނެ 24/7 ކައްކާލަ ކައްކާލައި