އެމެރިކާގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ހެޕަޓައިޓިސް ޖެހިގެން އެގައުމުގެ ހަވަނަ ކުއްޖަކު މަރުވެއްޖެއެވެ.

އެގައުމުގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ އިންފެކްޝަސް ޑިޒީޒްގެ ޑެޕިއުޓީ ޑިރެކްޓަރު، ޑރ. ޖޭއި ބަޓްލަރ ވިދާޅުވީ، މި ބަލީގައި ކުއްޖަކު މަރުވެފައިވަނީ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު އެއްކުރި ފަހުން ކަމަށެވެ. ނަމަވެސް ކުއްޖާ މަރުވެފައިވަނީ އެގައުމުގެ ކޮން ސިޓީއަކުން ކަމާއި އުމުރު އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

ހެޕަޓައިޓިސް ފެތުރެން ފަށާފައިވާ ގައުމުތަކުގެ ތެރެއިން އެމެރިކާއަކީ މިހާތަނަށް އެއް ގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިއާއިންނެވެ. އެގައުމުން ފަސް މީހަކު މި ބަލީގައި މަރުވެފައިވާއިރު، ފަލަސްތީނާއި އަޔަލޭންޑުން އެކަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކަށް ބަލާއިރު، 35 ސްޓޭޓެއްގައި މި ބަލި ޖެހިފައިވާ 180 މީހަކު އެބަތިބި ކަމަށް އެގައުމުން ވަނީ ބުނެފައެވެ. 35 ސްޓޭޓަކުން ބަލީގެ ވޭދަނަތައް ފެނިފައިވާތީ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެހެން ސްޓޭޓްތަކަށް ވެސް ބަލި ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެގައުމުގައި ގިނަ ބަޔަކަށް ހެޕަޓައިޓިސް ޖެހިފައިވާއިރު، 15 މީހަކު ވަނީ ފުރަމޭ ވެސް ބަދަލުކޮށްފައެވެ.

ހެޕަޓައިޓިސް އަލުން ފެތުރެން ފަށާފައިވާއިރު، މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 500 އަށްވުރެ ގިނަ ވޭދަނަ ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު