ޕެޓްރޯލް ހުސްވުމުގެ ސަބަބުން، ހޮސްޕިޓަލަށް ދިޔުން ލަސްވެ، އުމުރުން އެންމެ ދެ ދުވަސްވީ ކުއްޖަކު ސްރީލަންކާގައި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހުގެ ހަވީރު ހަލްދުމްމުއްލާގައެވެ. ރިޕޯޓްތައް ބުނާގޮތުން އެ ކުއްޖާގެ ހަށިގަނޑު ރީނދޫވާން ފެށުމުން، އެކުއްޖާގެ މައިންބަފައިން ވަގުތުން އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް ތައްޔާރުވިއެވެ.

ނަމަވެސް އެމީހުންގެ ތިން ފުރޮޅުލީ އުޅަނދުގައި އެވަގުތު ޕެޓްރޯލް ނެތުމުން، އެއަށް ޕެޓްރޯލް އަޅަން ގަޑިއެއްހާ އިރު ހޭދަވުމުން ހޮސްޕިޓަލަށް ދިއުން ވަރަށް ބޮޑަށް ލަސްވީއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، ޑޮކްޓަރުން ވަގުތުން ވަނީ އެ ކުއްޖާއަށް ފަރުވާ ދިނުމަށް ދިޔާތަލަވާ ހޮސްޕިޓަލްގެ އިމަޖެންސީ ޓްރީޓްމަންޓް ޔުނިޓް (އީޓީޔޫ) އަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެ ކުއްޖާއަށް ފަރުވާދިނުން ލަސްވުމުގެ ސަބަބުން އެ ކުއްޖާ ހާލަތު ގޯސްވެ، ޑޮކްޓަރުންނަށް އެ ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ވަނީ މަރުވެފައެވެ.

ދިޔާތަލަވާ ހޮސްޕިޓަލުގެ ޖުޑީޝަލް މެޑިކަލް އޮފިސަރު ޖަނަކާ ރޯޝަން ޕަތިރާނާ ވަނީ އެ ކުއްޖާ މަރުވުމާއި ގުޅިގެން ފޭސްބުކްގައި ނޯޓެއް އާއްމުކޮށްފައެވެ. އެ ނޯޓުގައި އޭނާ ބުނެފައި ވަނީ ޕެޓްރޯލް ހޯދަން މައިންބަފައިން ގަޑިއެއްހާ އިރު ކުރި އެ މަސައްކަތުގެ ގަޑިއިރެއް ކުރިން އެ ކުއްޖާ އެޑްމިޓް ކުރެވުނު ނަމަ، އެ ކުއްޖާ ސަލާމަތްވީސް ކަމަށެވެ.

އޭނާ ވަނީ އެގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާގެ ތެރޭގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ބާރުތަކުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.