މިހާރު ޔޫރަޕްގެ ގިނަ ގައުމުތަކުން ފެންނަމުންދާ މަކުނު ވިދުރި (މަންކީ ޕޮކްސް) ޑެންމާކުންވެސް ފެނިއްޖެއެވެ. މިއީ މި ވައިރަސް ފެނުނު 16 ވަނަ ގައުމެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ ގައުމުން މަކުނު ވިދުރީގެ ފުރަތަމަ ވޭދަނަ ފެނިފައި ވަނީ ސްޕެއިންއަށް ދަތުރު ކުރުމަށްފަހު އެނބުރި އައި ބޮޑު ފިރިހެނެއްގެ ގައިން ކަމަށެވެ.

"ޑެންމާކުގައި ފުޅާ ދާއިރާއެއްގައި އެ ބަލި ފެތުރޭނެ ކަމަށް ސިއްހީ އިދާރާތަކުން ލަފާ ނުކުރޭ، ނަމަވެސް ބަލީގެ ހާލަތަަށް ބަދަލެއް އަތުވެދާނެކަމަށް ބަލައި ދުރާލާ ތައްޔާރުވެ، ހާލަތު ގާތުން ބަލަމުން މިހާރު ދަނީ،" ހެލްތު މިނިސްޓަރު މެގްނާސް ހެއުނިކޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނީ، ބަލި ޖެހުނު މީހާ އެކަހެރި ކޮށްފައިވާކަމަށާއި، އެމީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު