މަކުނު ވިދުރި (މަންކީ ޕޮކްސް) ފެތުރުން ހުއްޓުވަން ވަކި އިތުރަށް ކުރަން ޖެހޭ ކަމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހާރު އޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޖަޕާންގެ ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެމެރިކާގައި މަކުނު ވިދުރި ފެތުރެމުން ދާތީ އާއްމުން ކަރަންޓީން ކުރުމުގެ ސިޔާސަތެއް ތަންފީޒު ކޮށްފާނަންތޯ ސުވާލު ކޮށްފައެވެ. އެސުވާލަށް ޖަވާބު ދެމުން ބައިޑެން ބުނީ މިހާރު މަކުނު ވިދުރި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވެމުންދާ ކަންކަމުގެ އިތުރުން ވަކިއިތުރު ކަމެއް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަން ނުޖެހޭ ކަމަށެވެ.

"ފުރަތަމަ ކަމަކީ މަކުނު ވިދުރި މީގެ ކުރިން ވެސް ގިނަ ބަޔަކަށް ޖެހި، ވަރަށް ބޮޑަށް ފެތުރުނު. ދެވަނަ ކަމަކީ ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިން އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ތިންވަނަ ކަމަކީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ވަކި އިތުރު ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ." ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ މަކުނު ވިދުރި ކޮންޓްރޯލް ކުރަން އެންމެން ވެސް ސިއްހީ ހިދުމަތްތެރިންގެ ލަފައަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފަދަ ކަމެއް މަކުނު ވިދުރި އާއި ގުޅިގެން ކުރިމަތިވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަކުނު ވިދުރި މީގެ ކުރިން ވެސް ވަރަށް ގިނައިން އެފްރިކާގެ ގައުމުތަކުގައި ފެތުރެއެވެ. ނަމަވެސް މިހާރު ބަލި ފެތުރެމުންދާ މިންވަރަށް މީގެ ކުރިން އެފްރިކާ ފިޔަވައި އެހެން ގައުމުތަކުގައި މިބަލި ފެތުރިފައެއް ނުވެއެވެ. މިހާރު މަކުނު ވިދުރި ފެތުރެމުން އަންނަނީ އެބަލި ޖައްސާ ވައިރަހަށް ބަދަލުތަކެއް އައުމުގެ ސަބަބުން ކަމަށް ބައެއް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އަދި އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    އެމެރިކާއިން ތީތި އަޕްގްރޭޑް ކޮއްލާފަދޫކޮއްލީ. ދުނިޔެއިން އާބާދީ ފޮހެލަން ހިންގޭޖަރީމާ ތިޔައީ.