އިނގިރޭސިވިލާތުން އިތުރު 36 މީހުން މަކުނު ވިދުރި (މަންކީ ޕޮކްސް) އަށް ފައްސިވެއްޖެއެވެ. މިއާއިއެކު އިނގިރޭސިވިލާތުން މިބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 56 އަށް އަރާފައެވެ. މިއަދު ވަނީ އިނގިރޭސިވިލާތުގެ ބައެއް ކަމަށްވާ ސްކޮޓްލޭންޑުން ފުރަތަމަ ފަހަރަށް މީހަކު މަކުނު ވިދުރިއަށް ފައްސިވެފައެވެ.

މިހާރު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ޔޫރަޕްގައި މަކުނު ވިދުރި ފެތުރި މިއީ ޔޫރަޕަށް "ބަލާއާފާތަކަށް" ވެދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޔޫރަޕްގެ ނުވަ ގައުމަކުން 141 މީހަކު ވަނީ މަކުނު ވިދުރިއަށް ފައްސިވެފައެވެ. މިބަލި ފެނުނު ޔޫރަޕްގެ ގައުމުތަކަކީ އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ފްރާންސް، ޖަރުމަން، އިޓަލީ، ނެދަލޭންޑް، ޕޯޗްގަލް، ސްޕޭން އަދި ސްވިޑިން އެވެ.

އިނގިރޭސިވިލާތުން މިހާރު ވަނީ މަކުނު ވިދުރި ޖެހުމުން ހާލަތު ގޯސް ވެދާނެ ކަމުގެ ބިރު އޮތް މީހުން 21 ދުވަސް ވަންދެން ކަރަންޓީން ކުރަން ނިންމާފައެވެ. މިބަލި ޖެހުމުން ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑީ ދާއިމީ ބަލިތަކަށް ބޭސް ބޭނުން ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ނޯޓް: ތިރީގައިވާ މައުލޫމާތަކީ ސިއްހަތު.ބްލޮގް އިން ނެގިފައިވާ މައުލޫމާތު

މިހާރު ގިނަ ގައުމުތަކުން ފެންނަމުންދާ މަކުނު ވިދުރި ގިިނައިން ފެނިފައިވަނީ ސެކުސުއަލް ހެލްތު ކްލިނިކަށް ޒިޔާރަތްކުރި ފިރިހެނުންގެ ފުށުންނެވެ. މިފިރިހެނުންނަކީ އެއްޖިންސުން ގުޅުންހިންގާ މީހުންކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން މިބަލި ފެނުން އިތުރުވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ.

މަކުނު ވިދުރި އަކީ އާންމު ގޮތެއްގައި މިބަލީގެ ވައިރަސް ހުންނަ ޖަނަވާރުންގެ ފަރާތުން ފެތުރޭ އެއްޗެކެވެ. މާނައަކީ ބަލީގެ ވައިރަސް ހުރި ޖަނަވާރެއް އުފުލައި ގެންގުޅެ ހެދުމުގެ ތެރޭގައި އިންސާނުންނަށް ބަލި ވާޞިލްވުމުގެ ފުރުޞަތު އޮތުމެވެ. ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ އެހެނިހެން ގިނަ ބަލިތަކާއި ޚިލާފަށް އިންސާނުންގެ ތެރޭގައި މަކުނު ވިދުރި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި، ގިނައިރު އެއްތާކު (ކޮންޓެކްޓް) ވެގެންނެވެ.

އިންސާނުންގެ ތެރޭގައި މަކުނު ކަށިވިދުރި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި، ބަލިމީހާގެ ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭތި ނޫނީ ޖެހުމުންނާއި، ބަލިމީހާ ބޭނުންކުރާ ހެދުން ފަދަ އަންނައުނާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ. މީގެ އިތުރުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް ނޫނީ ބަނޑުގައި އޮއްވައި ތުއްތު ދަރިފުޅަށް ފޫޅުގެ ޒަރީޢާއިން ބަލި ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އުފަންވާއިރު މަކުނު ވިދުރި ޖެހިފައިވުމަކީ ގާތް ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަސްވަރު ގައެވެ.

މަކުނު ވިދުރިއަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަކުނު ވިދުރި ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.