އިރާނުގައި އިމާރާތެއް ވެއްޓި އެތައް ބަޔަކު ތާށިވެއްޖެއެވެ.

އީރާނުގެ ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ އަބާދާންގައި މިއަދު 10 ބުރީގެ އިމާރާތެއް ވެއްޓި ހަ މީހުން މަރުވެ، އިތުރު އެތައް ބަޔަކު ތާށިވުމުގެ ބިރު ހީވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ރެޑް ކްރެސެންޓްގެ ލޯކަލް ބްރާންޗްގެ ވެރިޔާ ވިދާޅުވީ، ވެއްޓުނު އިމާރާތްތަކުގެ ދަށުން މިހާތަނަށް 32 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، 27 މީހަކު ލޯކަލް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ސިޓީގެ މެދުތެރޭގައި އޮންނަ އެންމެ ކާރޫބާރޫ ބޮޑު މަގުގައި ހުންނަ ކޮމާޝަލް މެޓްރޯޕޯލް އިމާރާތުގެ ބޮޑު ބައެއް ވެއްޓި، އެ އިމާރާޔް ވަނީ ފުނޑުފުނޑުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސް، 80 އެއްހާ މީހުން އަދިވެސް ތާށިވެފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އެހީތެރިވުމަށް އެކި ޕްރޮވިންސްތަކުން ރެސްކިއު ޓީމްކާއި، ހެލިކޮޕްޓަރުތަކާއި، ވެހިކަލްތަކާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ވަނީ މޮބިލައިޒް ކޮށްފައެވެ. އޭގެ ތެރޭގައި ޓެހްރާނުގެ 80 ސިފައިންނާއި، 50 ފަޔަރފައިޓަރުންނާއި، މީހުން ސަލާމަތްކުރާ ފަރާތްތަކުން އެއްގަމުގައި ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދިނުމަށް 30 އިމަރޖެންސީ ރެސްޕޮންޑަރސް ހިމެނެއެވެ.
މިއަދު ދައުލަތުގެ ޓީވީން ވަނީ މެޓްރޯޕޯލް ހަލާކުވެގެންދިޔަ މަންޒަރު ފެންނަ އޭރިއަލް ފުޓޭޖްތަކުން ދައްކާފައެވެ.
އެއް ކްލިޕުން ފެނިގެންދަނީ ރުޅިގަދަ ވެގެން ތިބި ރައްޔިތުންގެ ބަޔަކު އެ ސަރަހައްދުގައި ތިބި ލޯކަލް މުނިސިޕަލްޓީގެ އޮފިޝަލުންނާ ދިމާލަށް ހަޅޭއްލަވާ މަންޒަރެވެ. އަނެއް ބަޔަކު މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ބަލަމުން ދިޔައީ ބިރުވެރިކަމާއި މާޔޫސްކަމުގެ ތެރޭގައެވެ. ސޯޝަލް މީޑިއާގައި ކަށަވަރު ނުވާ ރިޕޯޓްތައް ބުނާ ގޮތުގައި، ރަޔަޓް ފުލުހުން ވަނީ، ވެއްޓުނު އިމާރާތް ބަންދުކޮށްފައެވެ.

.