ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަވަހާރަކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެ ކަމަށް ޔޫކްރޭނުން ބުނެފިއެވެ. ޔޫކްރޭންގެ ޖާސޫސީ އިދާރާގެ ވެރިޔާ އެގައުމުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ޕޫޓިން އަވަހާރަކޮށްލަން މީގެ ދެމަސް ދުވަސް ކުރިން ދިން ހަމަލާއަކުން ޕޫޓިން ސަލާމަތްވެފައިވާ ކަމަށެވެ.

ޔޫކްރޭންގެ އިންޓެލިޖެންސް އެޖެންސީގެ ވެރިޔާ ކްރީލޯ ބުޑަނޯވް ވިދާޅުވީ ޕޫޓިން އަވަހާރަކޮށްލަން ހަމަލާ ވެސް ދިން ކަމަށާއި އެހަމަލާ ދިނީ "ކެކާސަސް" އަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. "ކެކާސަސް" އަކީ ރަޝިއާގެ ދެކުނުގައި އޮންނަ އަރުމޭނިއާ، އަޒަރުބައިޖާން އަދި ޖޯޖިއާ އެއްކޮށްލާފައި އެސަރަހައްދަށް ކިޔާ ނަމެކެވެ.

ޔޫކްރޭންގެ އިންޓެލިޖެންސް އެޖެންސީގެ ވެރިޔާ ކްރީލޯ ހަމަލާ ކާމިޔާބު ނުވި ކަމަށެވެ. "ވަރަށް ސާފުކޮށް މިދަންނަވަނީ އެހަމަލާ ކާމިޔާބެއް ނުވި. އެކަމަކު އެހަމަލާ ދިން. އެއީ މީގެ ދެމަސް ދުވަސް ކުރިން ދިން ހަމަލާއެއް. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އެހަމަލާ ކާމިޔާބެއް ނުވި. އެކަމަކު ޕޫޓިން އަވަހާރަކޮށްލަން ހަމަލާއެއް ދެވުނު." ކްރީލޯ ވިދާޅުވިއެވެ.

މިހަމަލާގައި ޔޫކްރޭންގެ އެއްވެސް ބައިވެރިވުމެއް އޮތްކަން ނުވަތަ ނޫންކަން ވެސް ކްރީލޯ ކަށަވަރުކޮށެއް ނުދެއެވެ.

ކެކާސަސް ސަރަހައްދުގައި އޮންނަ ޖޯޖިއާއަށް 2008 ވަނަ އަހަރު ރަޝިއާ ސިފައިން އަރާފައިވެއެވެ. އޭގެ ފަހުން އަދިވެސް އެސަރަހައްދަށް އެއްކޮށް ސުލްހަ ގެނެވިފައެއް ނުވެއެވެ. ޖޯޖިއާގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ވެސް ހަރަކާތްތެރިވެއެވެ.

އަރުމޭނިއާ އާއި އަޒަރުބައިޖާން އަކީ ވެސް ޒަމާނުއްސުރެއް ހަމަލާތައް ބަދަލު ކުރަމުން އަންނަ ދެގައުމެވެ. 2020 ވަނަ އަހަރު އެދެގައުމުގެ ދެމެދުގައި ހަނގުރާމައެއް ވެސް ހިނގިއެވެ. ދެގައުމުގެ ތެރެއިން ރަޝިއާ އިން ވާގިވެރިވަނީ އަރުމޭނިއާއަށެވެ.

އެހެންކަމުން ތަޖުރިބާކާރުން ބުނާ ގޮތުގައި އެސަރަހައްދުގެ ހަނގުރާމަވެރިން ޔޫކްރޭންގެ ބައިވެރިވުމެއް ނެތި ވެސް ޕޫޓިން އަވަހާރަކޮށްލަން ހަމަލާއެއް ދިނުން އެކަށީގެންވެއެވެ.

ޕޫޓިން ކެކާސަސް ސަރަހައްދަށް މިއިން ދުވަހަކު ޒިޔާރަތް ކުރިކަމަކަށް ރަޝިއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެސަރަހައްދަކީ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެއް ކަމަށް ވާތީ ޕޫޓިން އެސަރަހައްދަށް ވަޑައިގަތް ނަމަވެސް އެކަން މީޑިއާގައި ހާމަކުރުމަކީ ވަރަށް ދުރުކަމެކެވެ.

ޕޫޓިން އަވަހާރަކޮށްލަން ހަމަލާއެއް ދިން ކަމަށް ބުނާ ރިޕޯޓާއި ގުޅޭ ގޮތުން އަދި ރަޝިއާ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ޕޫޓިން 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އަވަހާރަކޮށްލަން ފަސް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވެއެވެ. އެހަމަލާތައް ނާކާމިޔާބު ކޮށްލެވުނީ އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަނީ އަމިއްލައަށް ކަމަށް ވާތީ ކަމުގައި ޕޫޓިން ވިދާޅުވެފައި ވެއެވެ.

ޕޫޓިން އަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ވަރުގަދަ ސެކިއުރިޓީއެއް ގެންގުޅުއްވާ ލީޑަރު ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮތްނޭގޭ ސެކިއުރެޓީ

    ޕޫޓިންގެ ސެކިއުރެޓީ ވަރަށް ވަރުގަދަ އިންޓަލިޖެންސް...ޙަބަރުތައް ބުނާގޮތުން ހަމަލާއެއްދޭން އެންމެ އުނދަގޫ ލީޑަރަކީ އިސްރާއީލާއި އެމަރިކާގެ އެންމެބޮޑު ދުޝްމިން
    އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲއަލީ ޙާމަނާއީ
    އަށް..

    17
  2. ބީރުބޮލު ވަޒީރު.

    އިސްލާމީ ޖުމުހޫރިއްޔާއެއް އޮތިއްޔާ އެތަނުގަ މިއުޅެނީ ހަނގުރާމަވެރިން. މިއީ ކިހިނެއް ހިނގާކަމެއްބާ؟

    10
    1