ޕާކިސްތާނުގެ އާއްމު އިންތިޙާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށާއި ޕްރޮވިންސްތަކުގެ މަޖިލިސްތަކަށް މެންބަރުން އިންތިޙާބު ކުރުމަށް ބާއްވާ މި އިންތިޙާބުގައި، ގިނަ އަދަދެއްގެ ކެންޑިޑޭޓުން ދަނީ ވާދަކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންތިޙާބުގެ ވޯޓު ލުން ފެށިފައިވަނީ މިއަދު ރާއްޖެ ގަޑިން އަށެއް ޖެހިއިރުއެވެ. އަދި، ވޯޓުލުން، މިއަދު ރާއްޖެ ގަޑިން އިރުއޮއްސި ހައެއްޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.

މި އިންތިޙާބުގައި ވޯޓު ލުމުގެ ޙައްޤު، ޕާކިސްތާނުގެ 106 މިލިއަން މީހުންނަށް ލިބިފައިވެއެވެ. 105 މިލިއަނަށްވުރެ ގިނަ މީހުން ވޯޓު ލާނެކަމަށް އަންދާޒާ ކުރެވެއެވެ.

އިންތިޙާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަށް ބަލާއިރު، 12،570 ކެންޑިޑޭޓުން، އެކި ސަރަޙައްދުތަކުގެ މެންބަރުކަމަށް ވާދަކުރާއިރު، އޭގެތެރޭގައި ޖުމުލަ 30 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެއެވެ. ޕާޓީތަކަށް ބަލާއިރު ކަނާތު ފިޔައާއި ވައަތު ފިޔަ އަދި މެދުމިނުގެ ވިސްނުމުގެ ޕާޓީތައްވެސް ހިމެނެއެވެ.

ޕާޓީތަކަށް ބަލާއިރު، އެންމެ ކުރީގައި އޮންނާނެކަމަށް ބެލެވެނީ ތަހްރީކް-އޭ އިންސާފު ޕާޓީއެވެ. މިއީ ކުރިން ކުރިކެޓް ކުޅުނު އިމްރާން ޚާން ރައީސްކަން ކުރާ ޕާޓީއެވެ. ހަމައެހެންމެ، ޖަލަށް ލައިފައިވާ އެޤައުމުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފުގެ ޕާޓީ އިންވެސް ގިނަ އަދަދެއްގެ ގޮނޑި ނަގާނެކަމަށް ބެލެވެއެވެ.

ހަމައެހެންމެ، ބެއްނަޒީރު ބުއްޓޫގެ އާއިލާގެ މެންބަރު، ބިލާވަލު ބުއްޓޫ ޒަރުދާރީގެ ޕީޕަލްސް ޕާޓީ އިންވެސް ގިނަ އަދަދެއްގެ ގޮނޑި ނަގާނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ކަނާތު ފިޔައިގެ ދީނީ ޕާޓީތަކުގެ ކޯލިޝަނުންވެސް ގިނަ ގޮނޑިތަކެއް ނަގާނެއެވެ.

މި އިންތިޙާބުގައިމ 85،000 މަރުކަޒެއްގައި ދަނީ ވޯޓު ލަމުންނެވެ. މިއީ އެޤައުމުގެ ތާރީޚުގައިވެސް، އާއްމު މީހެއްގެ އަތުން އާއްމު މީހަކަށް ވެރިކަން ހަވާލުކުރާނޭ ދެވަނަ ފަހަރެވެ. ކުރިން ވެރިކަން ހަވާލުކުރަނީ އަސްކަރީ ލީޑަރެއްގެ އަތުން އާއްމު މީހަކަށެވެ.

މަޖިލީހުގެ އެންމެ ގިނަ ގޮނޑި ނެގޭ ޕާޓީއެއްގެ ލީޑަރަށް، އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު