ހަލުވި ކަމާއި އެކީ ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުން އަންނަ މަކުނު ވިދުރި (މަންކީޕޮކްސް) މިހާތަނަށް 19 ގައުމަކުން ފެނިއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނީ، އެންމެ ފަހުން މަކުނު ވިދުރި ފެނިފައިވަނީ ސްލޮވޭނިއާއިން ކަމަށާއި އެގައުމުން މި ބަލި ފެނިފައިވަނީ ސްޕެއިންގެ ކެނަރީ އައިލޭންޑްސް އަށް ދަތުރު ކުރި މީހެއް ކަމަށެވެ.

އޭނާއަށް ބަލި ޖެހުނު ނަމަވެސް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދީފައި ނުވާ ކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އެއީ ބަލީގެ އަލާމާތްތައް މަދުވީމައެވެ.

ސްލޮވޭނިއާގެ އިތުރުން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ އިނގިރޭސިވިލާތުން 56 ވޭދަނަ، ސްޕެއިން އިން 41 ވޭދަނަ، ޕޯޗުގަލް އިން 37 ވޭދަނައެވެ. މިގައުމުތަކުގެ އިތުރުން 10 އަކަށްވުރެ މަދުން ބަލި ޖެހިފައި ތިބި މީހުން ތިބީ، އޮސްޓްރިއާ، ބެލްޖިއަމް، ޑެންމާކް، ފްރާންސް، ޖަރުމަންވިލާތް، އިޓަލީ، ނެދަލޭންޑްސް، ސުވެޑެން އަދި ސުވިޒަލޭންޑް، އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިސްރާއީލް ފަދަ ގައުމުތައް ހިމެނެއެވެ.

މަކުނު ވިދުރިއަށް ވަކި ހާއްސަ ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ.

އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަކުނު ވިދުރި ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.