ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޮސް މިޓްސޮޓާކިސްއާ ވާހަކަ ދެއްކެވެން ހުއްޓާލައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން ވަނީ ގްރީސްގެ ލީޑަރު ތުރުކީއާ ދެކޮޅު ކަމަށް ތުހުމަތު ކުރައްވައި، ދެ ސަރުކާރުގެ ދެމެދުގައި ބާއްވާ މުހިންމު ބައްދަލުވުމެއް ކެންސަލް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަކަށްފަހު ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އުރުދުޣާން ވަނީ މިޓްސޮޓާކިސް ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގައި ވޮޝިންޓަންއިން ތުރުކީއަށް އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތައް ނުވިއްކުމަށް އެމެރިކާގެ އޮފިޝަލުންނަށް ލަފާދެއްވިކަމަށް ތުހުމަތުކުރައްވާފައެވެ.

އުރުދުޣާން ދެން ތުހުމަތު ކުރެއްވީ 2016 ވަނަ އަހަރު ފަތުހުﷲ ގުލެން އިސްކޮށް ހުރެ ތުރުކީއަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައި ތިބި މީހުން ގްރީސްއަށް ބަނދަރު ކޮށްދިނުމާއި ތުރުކީއާ ދެކޮޅަށް އަސްކަރީ ބޭސްތައް ގާއިމް ކުރުމުގައި ގްރީސްގެ ލީޑަރުން އެހީތެރިވި ކަމަށް ބުނެއެވެ. ގުލެން ވަނީ ތުރުކީގެ ތުހުމަތު ޒަމާނުއްސުރެ ދޮގު ކޮށްފައެވެ.

"އަޅުގަނޑުމެން އެއްބަސްވީ އެމަނިކުފާނާ އެކު އޮތް ދެބަސްވުމެއްގައި ތިން ވަނަ ގައުމެއް ނުހިމެނުމަށް. ކަން މިހެން އޮތް ނަމަވެސް، މިދިޔަ ހަފުތާގައި އޭނާ ވަނީ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި ކޮންގްރެސްގައި ވާހަކަ ދައްކަވައި، އެފް-16 އަޅުގަނޑުމެންނަށް ނުދެއްވުމަށް އިންޒާރު ކުރައްވާފައި،" އުރުދުޣާން ވިދާޅުވިއެވެ.

"އޭނާ މިހާރު އަޅުގަނޑަކަށް ނެތް. ދުވަހަކުވެސް އޭނައާއި ބައްދަލުކުރަން އެއްބަސް ނުވާނެ. އިއްޒަތްތެރި ސިޔާސީ އެހެން ބޭފުޅުންނާއެކު އަޅުގަނޑުމެން ކުރިއަށް ދާނަން،" އުރުދުޣާން އިތުރަށް ވިދާޅުވިއެވެ.

އުރުދުޣާން ފާޅުގައި އެ އިޝާރާތް ކުރައްވަނީ މި މަހުގެ 17 ވަނަ ދުވަހު ވޮޝިންޓަންގައި މިޓްސޮޓާކިސް ދެއްވި ތަގުރީރަކަށް ކަމަށް ވާއިރު، ކޮންގްރެސްއަށް އުރުދުޣާން ވިދާޅުވީ ނޭޓޯގެ ދެކުނު އިރުމަތީ ފަޅީގައި ނުތަނަވަސްކަން އުފެއްދުމުގެ އާ ވަސީލަތެއް އުފެއްދުމާ އެމެރިކާ ދުރުވާން ޖެހޭ ކަމަށެވެ.

އުރުދުޣާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގްރީސްގެ ސަރުކާރުގެ ތަރުޖަމާނު ޔިއާނިސް އިކޯނޯމޫ ވިދާޅުވީ އެތެންސް "ތުރުކީ ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދުދީ، ހައިޖާނުގަނޑެއްގެ ތެރެއަށް ނުވައްނާނަން" ކަމަށެވެ.

"ގްރީސްގެ ހާރިޖީ ސިޔާސަތަކީ ތާރީހާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އަޅުގަނޑުމެންގެ އެލަޔަންސްތަކުގެ މައްޗަށް ވަރަށް ވަރުގަދައަށް ބިނާވެފައިވާ ސިޔާސަތެއް، ނަމަވެސް ބައެއް މީހުންނަށް އެކަން އުނދަގޫ ކަމަކަށް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

ގްރީސް އާއި ތުރުކީއަކީ ނޭޓޯގެ ދެ ގައުމު ނަމަވެސް، އެ ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.