އިގުތިސޯދީ ކާރިސާއަށް ހައްލެއް ހޯދުމަށް ލަންކާއިން ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަނާ ވިޖެސޭކަރަ ވިދާޅުވީ އަލަށް އައްޔަނު ކުރި "އިގްތިސާދީ ހަނގުރާމަ ކުރާ ކެބިނެޓުން" ތެލުގެ އަގު މަތި ކުރަން ފާސްކޮށްފައިވާ ކަމަށެވެ.

ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ކަންޗަނާ ވިޖެސެކެރާ ޓްވިޓަރ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޕެޓްރޯލްގެ އަގު 20-24 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް އުފުލޭނެ ކަމަށާއި، ޑީސަލްގެ އަގު 35-38 އިންސައްތައާއި ދެމެދުގެ އަދަދަކަށް އުފުލޭނެ ކަމަށެވެ.

އަދި ކޮންމެ ކަސްޓަމަރަކަށް ވެސް ތެޔޮ ގަނެވޭނީ ދުވާލަކު ވަކި ވަރަކަށް ކަމަށާއި، އެގޮތަށް ލިމިޓް ކަނޑައަޅާނެ ކަމަށެވެ. "އެންމެ ފަހުގެ އިތުރުކުރި އަދަދުތަކާ އެއްވަރަށް ހަރަދު ބޮޑުކުރުމަށް ސަރުކާރުން ޓްރާންސްޕޯޓް ސެކްޓާގެ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރާނެ،" އޮންލައިންކޮށް ބޭއްވި ކެބިނެޓް ބްރީފިންގައި އޭނާ ވިދާޅުވިއެވެ.

ތެލާއި ދަތުރުފަތުރުގެ އަގުތައް އުފުލިގެން ދިއުމަކީ ކާބޯތަކެއްޗާއި އެހެނިހެން މުދަލުގެ ޒަރިއްޔާއިން ކޮންމެހެން ވެސް ހިނގާނެ ހަރަދެއްކަމެއް ކަމަށް އިކޮނޮމިސްޓުން ބުނެއެވެ.

އާންމު ދަތުރުފަތުރަށް ބޭނުން ކުރާ ޑީސެލް ލީޓަރެއްގެ އަގު 289 ރުޕީޒްއިން 400 ރުޕީޒްއަށް މަތިކޮށްފައިވާ އިރު، އެއީ 38 ޕަސެންޓުގެ އުފުލުމެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު 338 ރުޕީޒްއިން 420 ރުޕީޒްއަށް މަތިކުރި އެވެ. ފާއިތުވި ހަ މަހުގެ ތެރޭގައި ސްރީލަންކާގައި ޑީސެލްގެ އަގު 230 ޕަސެންޓް އަދި ޕެޓްރޯލްގެ އަގު 137 ޕަސެންޓް މަތިވެފައިވެ އެވެ.

ޑީސެލް އާއި ޕެޓްރޯލް ވެސް ލިބުން ވަރަށް ބޮޑަށް ދައްޗެވެ. އުޅަނދުތަކަށް ތެޔޮ އަޅަން ބޭނުން ނަމަ ބައެއް ފަހަރު ދުވަސްތަކެއް ވަންދެން ކިޔޫގައި ތިބެން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އޭޕްރީލް މަހު ސްރީލަންކާގެ އިންފްލޭޝަން ވަނީ 33.8 ޕަސެންޓަށް އުފުލިފައެވެ.