ޔޫކްރެއިން އަށް ކާބޯތަކެތި އެތެރެކުރަން ދަތުރުކުރާ އުޅަނދުތަކަށް ޔޫކްރެއިންއަށް އެތެރެވުމަށް މަގު ދައްކާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

އިންޓަފެކްސް ނޫސް އޭޖެންސީން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނާއިބް އަންދްރޭ ރުޑެންކޯއާ ހަވާލާދީ ބުނެފައިވަނީ، ރަޝިއާއިން ޔޫކްރެއިންއަށް ކާބޯތަކެތި އުފުލާ ބޯޓުތަކާއި، އިންސާނީ އެހީ ދޭ ފަރާތްތަކަށް ކޮރިޑޯއެއް ފޯރުކޮށްދޭން ރަޝިއާއިން ތައްޔާރަށް އޮތް ކަމަށެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އެތައްހާސް ސިފައިން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފޮނުވި ފަހުން ޔޫކްރެއިންގެ ބްލެކް ސީ ބަނދަރުތައް ބަންދުކޮށްފައި ވާއިރު، 20 މިލިއަން ޓަނަށްވުރެ ގިނަ ޓަނުގެ ކާބޯތަކެތި އެގައުމުގެ ސައިލޮސްގައި ތާށިވެފައި އެބަހުއްޓެވެ.
ރަޝިއާ އާއި ޔޫކްރެއިންއަކީ ދުނިޔޭގެ ނިސްބަތުން ވީޓް ސަޕްލައިގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ދެގައުމެވެ. ޔޫކްރެއިންއަކީ ވެސް ކޯން އަދި ސަންފްލާވަރ އޮއިލް އެކްސްޕޯޓްކުރާ ގައުމެކެވެ.
ހުޅަނގުގެ ބާރުތަކުން ޔޫކްރެއިންގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް "ރައްކާތެރި ކޮރިޑޯތަކެއް" ގާއިމުކުރުމުގެ ވިސްނުމާ މެދު މަޝްވަރާ ކުރަމުން އަންނަ އިރު، މިފަދަ ކޮންމެ ކޮރިޑޯއަކަށް ރަޝިއާގެ ރުހުން ބޭނުންވާނެ ކަމަށް ވެސް އެ ގައުމުތަކުން ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުން އިއްޔެހު ބުނީ، ބަންދުކޮށްފައި އޮތް ޔޫކްރެއިންގެ އޮޑެސާ ބަނދަރުން ކާބޯތަކެތި އެކްސްޕޯޓް ކުރުމަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސި ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ޔޫކްރެއިންއަށް އިނގިރޭސިވިލާތުން މަނަވަރުތައް ފޮނުވުމުގެ ސަބަބުން "ބްލެކް ސީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ" ކަމަށެވެ
ބްލެކް ސީގައި އޮންނަ އޮޑެސާ އަކީ ޔޫކްރެއިންގެ މައި ކަނޑުގެ ބަނދަރެވެ.

ކިޔުންތެރިންގެ ހިޔާލު