ފައިސާގެ އާމްދަނީއެއް ނެތް ކަމަށާއި އިތުރު އެއް ޓްރިލިއަން ފައިސާ ޗާޕްކުރަން ޖެހިފައިވާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ލަންކާގެ އިގްތިސޯދީ ހާލަތާއި ގުޅޭގޮތުން ރޮއިޓާސްއާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ރަނިލް ވިދާޅުވީ، ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި ވަގުތީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވަނީ ސަރުކާރުން މި ދަތިކަމާ ކުރިމަތިލާން ޖެހުމުން އިންފްލޭޝަން މައްޗަށް ދާނެ ކަމާއި މަގުމަތީގައި އިތުރު މުޒާހަރާތަކެއް ކުރިއަށްދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ރަނިލް ވިދާޅުވީ، އެ ހަމަނުޖެހުންތައް އަތްނުފޯރާ ހިސާބަށް ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން އެންމެ ނާޒުކު މީހުންނަށް އެހީވުމަށް ފައިސާ ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް އުނދަގޫ ދުވަސްތަކާއި ބަލާފައި ރައްޔިތުން މުޒާހަރާ ކުރަން ވާން. މީހުން މިފަދަ ވޭންތައް ތަހައްމަލު ކުރާއިރު އެއީ ގުދުރަތީ ކަމެއް، މުޒާހަރާ ކުރަން ޖެހޭ،" ކޮލަމްބޯގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވިކްރަމަސިންހަ ވިދާޅުވީ، ބޭނުންވަނީ އެކަމުގެ ސަބަބުން ސިޔާސީ ނިޒާމު ނުތަނަވަސް ނުވާނެކަން ކަށަވަރު ކުރަން ކަމަށެވެ.

1948 ވަނަ އަހަރު ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާއިން އަރައިގަތުމަށް އެ ގައުމުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުން ވަރަށް ބޮޑަށް މަދުވުމާއެކު، ރައްޔިތުން ނުކުމެ މުޒާހަރާތައް ކުރަމުންދާ ކަމެވެ.

މި އިގްތިސޯދީ ހާލަތާއި ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ނުރުހުން ރައީސް ގޯޓާބަޔަ ރާޖަޕަކްސައަށާއި އެމަނިކުފާނުގެ އާއިލާއަށް ވަނީ އަމާޒުވެފައެވެ. އަދި މިހާރު މުޒާހަރާ ކުރަމުންދާ ބައިވެރިން ދަނީ އިގުތިސޯދު ނަހަމަ ގޮތުގައި އެ އާއިާއިން ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

"އަޅުގަނޑުމެންނަށް ފައިސާގެ އާމްދަނީއެއް ނެތް، އަދި މިހާރު އިތުރު އެއް ޓްރިލިއަން ފައިސާ ޕްރިންޓް ކުރަން ޖެހޭ،" ކުރިއަށް އޮތް މަސްތަކުގައި އަހަރީ އިންފްލޭޝަން %40 އަށް ވުރެ މައްޗަށް އަރާފާނެ ކަމުގެ އިންޒާރު ދެއްވަމުން ވިކްރަމަސިންހަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ލަންކާއިން ބޭރުފައިސާ ހޯދުމަށް އެކުސްޕޯޓު ކުރަންވީ ލަންކާގައި އެންމެގިނައިން އުފައްދާ އުފެއްދުންކަމުގައިވާ ކަރަޕްޝަން އެވެ.

  2. ރަންރީނދޫ

    ޑޮލަރު ހޯދައި އިގުތިޞާދު ކޮޅަށްޖަހަން އަންނިއާ ހަވާލުކުރީމާ އަދިވެސް ޑޮލަރު އޮހެން ނުފަށަނީބާ؟!