ޕާކިސްތާންގެ ބޮޑުވަޒީރު ކަމުން މިދިޔަ މަހު ދުރުކުރި އިމްރާން ހާން އޭނާގެ ސަޕޯޓަރުންނާއިއެކު ވެރިރަށް އިސްލާމްއާބާދަށް ދަތުރު ކުރަމުން އެބަގެންދެއެވެ. ޕާކިސްތާންގެ ހައިބަރު ޔަހުތުބާނަހުވާ އިން އިސްލާމްއާބާދަށް އެތައް ހާސް ސަޕޯޓަރުންނާއިއެކު އިމްރާން ދަތުރު ކުރައްވަމުން ދާއިރު ދާދިއަވަހަށް އެމީހުން އިސްލާމްއާބާދާއި ހަމައަށް ފޯރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިމްރާނާއި އޭނާގެ ސަޕޯޓަރުންގެ ހުށަހެޅުމަކީ ޕާކިސްތާންގައި އަވަސް އިންތިހާބެއް ބޭއްވުމެވެ. ނަމަވެސް މިހާރު ވެރިކަމުގައި ތިބި ގުޅިފައިވާ އިއްތިހާދުން ދަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު އަވަސް އިންތިހާބެއް ބާއްވަން ދެކޮޅު ހަދަމުންނެވެ.

އިމްރާން ބޮޑު އިހްތިޖާޖަކަށް ނިކުންނެވީ އޭނާގެ ޑިމާންޓްތަކަށް ސަރުކާރުން ތަބާނުވާތީ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިމްރާން ސަޕޯޓަރުންނާއިއެކު ބޮޑު އިހްތިޖާޖަކަށް ނިކުންނެވުމުން އިހްތިޖާޖް ހުއްޓުވަން ޕާކިސްތާންގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. މިހިނގާލުމަކީ ފިތުނަ އުފައްދަން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ޕާކިސްތާންގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އިމްރާންގެ އިހްތިޖާޖް ހުއްޓުވަން ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން ނިންމާފައި ވަނީ އިމްރާން ނިސްބަތްވާ ޕާޓީގެ އިސްވެރިން ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް ކޯޓުން ވަނީ އިމްރާންގެ ޕާޓީން ހަމަނުޖެހުން ނުހިންގަން އަންގާފައެވެ. ގާނޫނުތަކަކީ ޕާޓީގެ ލީޑާޝިޕުން ބޭނުންވާ ގޮތައް ބޭނުން ކުރަން އޮތް އެއްޗެއް ނޫން ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިމްރާން އިސްވެ ހުންނަވާ މިހާރު ފަށާފައިވާ އިހްތިޖާޖް އިސްލާމްއާބާދާއި ހަމައަށް ދާއިރު މިއީ ޕާކިސްތާންގެ ތާރީޚްގައި ވެސް އެންމެ ގިނަ ބަޔަކު ބައިވެރިވާ އިހްތިޖާޖަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބިރު 2

    ތިޔަހެން އުޅެނިކޮށް ކަލޭއަށް ރަނގަޅު ބޮޑިއެއް ލިބިދާނެ

  2. ޖާބިރު 3

    ކިތަންމެ ގިނައިން ބުރުޖެހިއަސް ޝެހެބާޒް އެހުރީ ގައުމު ސަލާމަތް ކުރުމަށް ޓަކަައި އެ މަސައްކަތް ފަށާފަ. ކަލޭ އެކެއްޗަކަށް ވެސް ނަހަދާނެ.