ޕާކިސްތާންގެ ބޮޑުވަޒީރު ކަމުން ދުރުކޮށްފައިވާ އިމްރާން ޚާން އޭނާގެ އެތައް ހާސް ސަޕޯޓަރުންނާއި އެކު ކުރިއަށް ގެންދާ "މިނިވަންކަން ހޯދުމުގެ ހިނގާލުން" އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރާއިއެކު ސަރުކާރަށް ފަހު ފުރުސަތު ދީފިއެވެ.

ހިނގާލުމުގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށްފަހު އަލުން އާއްމު އިންތިހާބެއް އިއުލާން ކުރަން ސަރުކާރަށް ހަދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ.

އިމްރާން ހިނގާލުމުގެ ބައިވެރިންނާއި މުހާތަބު ކުރީ ޕާކިސްތާންގެ ހައިބަރު ޔަހުތުބާނަހުވާ އިން އިސްލާމްއާބާދަށް ދަތުރުކުރަން ފެށިތާ 30 ގަޑިއިރު ފަހުންނެވެ. އިމްރާން ސަޕޯޓަރުންނާއިއެކު ވަރަށް އަވަހަށް އިސްލާމްއާބާދާއި ހަމައަށް ފޯރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިމްރާން ސަޕޯޓަރުންނާއިއެކު އިސްލާމްއާބާދަށް ވަންނާނީ ސަރުކާރަށް ދީފައިވާ ހަދުވަހުގެ މުހުލަތު ހަމަވާއިރު ވެސް އިންތިހާބު އިއުލާން ނުކޮށްފިނަމައެވެ.

އިމްރާން ވިދާޅުވީ ހިނގާލުން ހުއްޓުވަން ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. "ސަރުކާރުން ގެންދަނީ މިހިނގާލުން ހުއްޓުވަން ތަފާތު އުކުޅުތައް ބޭނުން ކުރަމުން. ސަރުކާރުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް އަމާޒުކޮށް ކަރުނަގޭސް ޖަހަން ފަށާފައި. އެމީހުން އަހަރެމެންގެ ގެތަކަށް ވަދެ އަހަރެމެންގެ ގެތަކަށް ގެއްލުން ދެމުން އެބަގެންދޭ. އެކަމަކު އަޅުވެތިކަމުން ސަލާމަތްވުމަށް މުޅި ގައުމު އެކި ގޮވާ މަންޒަރު އަޅުގަނޑަށް އެބަފެނޭ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ހިނގާލުން ފެށި ފަހުން އޭނާގެ ޕާޓީއަށް ނިސްބަތްވާ ތިން މީހަކު މަރާލާފައިވާ ކަމަށެވެ. އަދި އެތައް ހާސް ސަޕޯޓަރުންނެއް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޕާކިސްތާންގެ ފުލުހުން ވަނީ އިސްލާމްއާބާދުގެ "ރަތް ޒޯނަށް" ހިނގާލުމުގެ ބައިވެރިން ވަދެއްޖެނަމަ ބަލަން ނުތިބޭނެ ކަމުގެ އިންޒާރު ދީފައެވެ. ފުލުހުން ވަނީ އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ސިފައިންގެ އެހީތެރިކަމަށް ވެސް އެދޭނެ ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިމްރާން ސަޕޯޓަރުންނާއިއެކު އިސްލާމްއާބާދަށް ވަދެއްޖެނަމަ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާއި މެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްގު

    ވަންނާނެ އަދި އޭޝިޔާ ސަރަހައްދުގެ ދާހިލީ ހަމަނުޖެހުން އުފައްދާ އިންޑިޔާ ބަލިނުރާނެ .އިންޝާﷲ

    29
    3
  2. ހައްގު

    ތިޔަހުރިހާކަމެއްކުރުވަނީ އިންޑިޔާ ގެރިގުއި މޯދީ ހުރެގެންނެވެ

    12
  3. މަންމަން

    ﷲ ތިކަހަލަ ޖާހިލުންގެ ދުއާ އިޖާބަ ނުކުރައްވާނެ

    4
    7