ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ފެންނަމުންދާ މަކުނު ވިދުރި (މަންކީ ޕޮކްސް) އިތުރު ދެ ގައުމަކުން ފެނިއްޖެއެވެ.

އެންމެ ފަހުން މި ބަލި ފެނިފައި ވަނީ އުތުރު އަޔަލޭންޑާއި، ވޭލްސް އިންނެވެ.

އުތުރު އަޔަލޭންޑްގެ ޕަބްލިކް ހެލްތު އެޖެންސީ (ޕީއެޗްއޭ)އިން ވަނީ ފުރަތަމަ ފަހަރަށް އެ ބަލި ޖެހިފައިވާ މީހަކު އެ ގައުމުން ފެނިފައިވާ ކަމަށެވެ. ޕީއެޗްއޭއިން ބުނީ، އެ ބަލި މީހާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެެއް ހިއްސާ ނުކުރާނެ ކަމަށެވެ.

ޕަބްލިކް ހެލްތު ވޭލްސް (ޕީއެޗްޑަބްލިއު) އިން ބުނީ އެ ވޭދަނަ "އެކަށީގެންވާ ގޮތަށް" ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަލިމީހާއާ ބެހޭ އިތުރު ތަފްސީލެއް ހާމަ ނުކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އިތުރަށް ޕީއެޗްޑަބްލިއު އިން ބުނެފައި ވަނީ އެކަމުން އާންމު ރައްޔިތުންނަށް އޮތް ނުރައްކާތެރިކަން ކުޑަ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނެފައިވާގޮތުގައި، އަންގާރަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 79 ވޭދަނަ ރިޕޯޓްކޮށްފައި ވެއެވެ.

މި ބަލި ޖެހެނީ ސްމޯލްޕޮކްސް އާއި އެއް އާއިލާއެއްގެ ވައިރަސްތަކުގެ ސަބަބުން ކަމަށްވާ މަންކީޕޮކްސް ވައިރަސްގެ ސަބަބުންނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާ ކުޑަ ވައިރަސްއެއް ކަމަށާއި ތަޖުރިބާކާރުން ބުނާ ގޮތުގައި ބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ.