އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހް މަރާލީ އިސްރާއީލުން ގަސްދުގައި ހަމަލާ ދީގެން ކަމަށް ފަލަސްތީނުން ކުރިއަށް ގެންދިޔަ އެހާދިސާގެ ތަހްގީގުން ސާބިތުވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ފަލަސްތީންގެ ރާމަﷲ ގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ފަލަސްތީންގެ އެޓާނީޖެނެރަލް އަކްރަމް އަލް-ޚަތީބު ވިދާޅުވީ ޝީރީން މަރާލާފައި ވަނީ އިސްރާއީލް ސިފައިންގެ ހަމަލާއެއް އަމާޒު ވެދާނެކަމަށް ބަލައި އޭނާ ސަލާމަތްވާން މަސައްކަތް ކުރަނިކޮށް ކަމަށެވެ. "ވަރަށް ސާފުކޮށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ޝީރީނަށް އިސްރާއީލް ސިފައިން ހަމަލާ ދިނީ ގަސްދުގައި. ސީދާ އޭނާ މަރާލަން ހަމަލާ ދިނީ. ބަޑި ޖަހާފައި ވަނީ ސީދާ އޭނާގެ ބޮލަށް." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޝީރީން ހުރީ ބުލެޓް ޕްރޫފް ޖެކެޓް އަޅައި ބޮލުގައި ހެލްމެޓެއް އަޅައި އޭނާ އަކީ ނޫސްވެރިއެއްކަން ކަށަވަރު ވާނެ ހުރިހާ ކަންކަމެއް ކޮށްގެން ކަމަށެވެ.

ސީއެންއެން އިން ކުރި ތަހްގީގުން ވެސް ކަށަވަރުވެފައިވާ ގޮތުގައި ޝީރީން މަރާލީ އިސްރާއީލް ސިފައިންނެވެ.

ޝީރީން މަރާލާފައި ވަނީ ކޮން ބަޔަކު ދިން ހަމަލާއެއްގައި ކަން ނޭނގޭ ކަމަށް އިސްރާއީލުން އަންނަނީ ބުނަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި ޝީރީން މަރުވި ސަރަހައްދުގައި ފަލަސްތީންގެ މުޖާހިދުން ވެސް ދިޔައީ ހަމަލާތައް ދެމުންނެވެ. އެހެންކަމުން އެއީ ފަލަސްތީން މުޖާހިދުންގެ ހަމަލާއެއް ކަމަށް ވެސް އިސްރާއީލްގެ ބައެއް އޮފިޝަލުން ބުނެފައި ވެއެވެ.

ނަމަވެސް ސީއެންއެން އަށް ލިބިފައި ހުރި ހެކިތައް ދިރާސާކޮށް، ތަޖުރިބާކާރުންގެ އެހީގައި ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު ބުނެފައި ވަނީ ޝީރީން މަރާލާފައި ވަނީ އިސްރާއީލް ސިފައިން ކަމަށެވެ.

ސީއެންއެން އިން އާއްމުކުރި ރިޕޯޓްގައި ބުނެފައި ވަނީ ޝީރީން މަރުގެ ފަހަތުގައި ވަނީ ކޮންބައެއްތޯ ކަށަވަރު ކުރުމަށް އެހާދިސާ ހިނގި ވަގުތު ނަގާފައިވާ ދެވީޑިއޯއެއް ސީއެންއެން އިން ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި މަންޒަރުދުއް އަށް މީހަކާއި ސުވާލު ކޮށްފައިވެއެވެ. އޭގެ އިތުރުން އެސަރަހައްދުން ރެކޯޑް ކުރެވިފައިވާ އަޑުތަކުގެ އޯޑިއޯ ފޮރެންސިކް އެލައިސް ހަދާފައިވެއެވެ. އެކަންކަމުން ކަށަވަރު ކުރެވިފައިވާ ގޮތުގައި ޝީރީން ހުރި ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ފަލަސްތީންގެ އެއްވެސް މުޖާހިދަކު ނެތެވެ. ޝީރީން ހުރި ސަރަހައްދަށް ބަލާއިރު އޭނާއަށް ހަމަލާއެއް ދެވޭ ހިސާބުގައި ތިބީ ހަމައެކަނި އިސްރާއީލް ސިފައިންނެވެ.

ސީއެންއެންގެ ރިޕޯޓްގައި ބުނެފައި ވަނީ ލިބެން ހުރި ހުރިހާ މައުލޫމާތެއް ދިރާސާކޮށް އަދި ހަތިޔާރުތަކާއި ބެހޭ ތަޖުރިބާކާރަކު ވެސް މިހާދިސާ ބެލުމަށް ފަހު ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޝީރީން މަރުވެފައި ވަނީ އިސްރާއީލް ސިފައިން އޭނާ މަރާލަން ގަސްދުގައި ދިން ހަމަލާއަކުންނެވެ.

ޝީރީން މަރާލަން ދިން ހަމަލާ ތަހްގީގު ކުރަން ކުރަމުން އަންނަ މަސައްކަތައް ވެސް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ.