އެމެރިކާގެ ގަޑިން އަންގާރަ ދުވަހުގެ ހެނދުނު ޓެކްސަސްގެ ސްކޫލެއްގައި ބަޑި ޖަހައި 19 ކުޑަކުދިންނާއި އިތުރު ދެމީހަކު މަރާލި ހާދިސާގައި މަރުވި ޓީޗަރުގެ ފިރިމީހާ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ޓެކްސަސްގެ އެލިމެންޓަރީ ސްކޫލެއްގައި ހިނގި އެ ހާދިސާގައި މަރުވި އެ ޓީޗަރަކީ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ކިޔަވާދެމުންދާ ޓީޗަރެވެ. އެ ޓީޗަރު މަރުވީ ދަރިވަރުން ހިމާޔަތް ކުރަން އުޅުމުގެ ތެރެއިންނެވެ.

ޓީޗަރު އިރްމާ ގާސިއާގެ ކޮއްކޮ، ޑެބްރާ އޮސްޓިން ގާއިމްކުރި ގޯފަންޑްމީ ޕޭޖެއްގައި ބުނެފައި ވަނީ އިރްމާގެ ފިރިމީހާ ޖޯ "މިއަދު ހެނދުނު (5/26/2022) މެޑިކަލް އެމަޖެންސީއެއްގެ ސަބަބުން ހިތާމަވެރި ގޮތަކަށް މަރުވެއްޖެ" ކަމަށެވެ.

"އަހަރެން ހަގީގަތުގައި ވެސް ގަބޫލުކުރާ ގޮތުގައި ޖޯ މަރުވީ އޭނާގެ ދިރިއުޅުމުގެ ލޯބި ގެއްލިގެން، ހިތްފަޅައިގެން ގޮސްގެން". އޭނާ ބުނެފައި ވެއެވެ.

ގާސިއާގެ އިތުރު ކޮއްކޮއެއް ކަމަށްވާ ޖޯން މާޓިނޭޒް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާގެ ފިރިމީހާ ޖޯ މަރުވީ ހިތާމައިގެ ސަބަބުން ކަމަށެވެ.

ރޮބް އެލިމެންޓަރީ ސްކޫލުގެ ވެބްސައިޓްގައިވާ ގޮތުން 24 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު މި ދެމަފިރިން މަރުވިއިރު، ދެމަފިރިންގެ ހަތަރު ކުދިން ތިބެއެވެ.

އިރްމާ އާއި އޭނާގެ ކޯ ޓީޗަރު އީވާ މިރެލެސް ވެސް މަރުވެފައިވަނީ ބަޑީގެ ހަމަލާތަކުގެ ސަބަބުންނެވެ.

ބަޑިޖެހި 18 އަހަރުގެ ސަލްވާޑޯ ރާމޯސް ގާތްގަނޑަކަށް 40 މިނެޓް ވަންދެން އެ އިމާރާތުގެ ތެރޭގައި ބަޑި ޖަހާފައި ވެއެވެ. ފުލުހުން އެތަނަށް ވަދެ އޭނާގެ ގަޔަށް ބަޑިޖަހައި މަރާލީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހުޅަނގުގެ ދޮން ފަރަންޖީންގެ އަނިޔާވެރިކަން ފެނޭތަ؟ ލާދީނީ މީހުންނަށް ނުފެނޭ ދޯ. އާނ. ލާދީނީ މީހުންނަށް ނުފެންނާނެތާ ދޯ.

    19
    4