އެމެރިކާގެ ޓެކްސަސްގައި އުމުރުން 10 އަހަރުން ދަށުގެ 19 ކުދިންނާއި އިތުރު ދެމީހަކު މަރާލި ހާދިސާ ހިނގިއިރު ސްކޫލްގެ ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން އެއްވެސް ކަމެއް ނުކޮށް ތިބިކަމަށް ފުލުހުން އެއްބަސްވެއްޖެއެވެ.

އަންގާރަ ދުވަހު ހިނގި ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ކާނަލް ސްޓީވެން މެކްކްރޯ މިއަދު ވިދާޅުވީ ބަޑި ޖަހަމުން ދިޔައިރު 19 ފުލުހުން ކްލާސްރޫމްގެ ބޭރުގައި ތިބި ކަމަށެވެ. ފުލުހުން އެއްވެސް ކަމެއް ނުކޮށް ތިބީ ކްލާސްރޫމްގައި ތިބި ހުރިހާ އެންމެން މަރާލާފައިވާ ކަމަށް ގަބޫލު ކުރެވިފައި އޮތުމުން ކަމަށް ސްޓީވެން ވިދާޅުވިއެވެ. ފުލުހުން އެއްވެސް ކަމެއް ނުކޮށް ތިބުމަށްފަހު ފަހުން ހަރަކާތްތެރިވީ 911 އަށް ކްލާސްރޫމްގެ ތެރެއިން ފޯނުކޯލެއް ލިބުމުންނެވެ.

ކާނަލް ސްޓީވެން ވިދާޅުވީ ސްކޫލްގެ ތެރެއަށް ފުލުހުން ވަނުމަށްފަހު އެއްވެސް ކަމެއް ނުކޮށް ތިބި ތިބުން އެއީ ހެދުނު ގޯހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގެންދިޔައީ ވެސް ރޮމުންނެވެ.

ރާމޯސް ނަމަކަށް ކިޔާ އުމުރުން 18 އަހަރުގެ ޒުވާނާ ބަޑި ހިފައިގެން ފުރަތަމަ ހަމަލާ ދިން ކްލާސްރޫމަށް ވަނީ އަންގާރަ ދުވަހުގެ ހެނދުނު 11:34 ގައެވެ. އޭނާ ވަނީ ދެ ކްލާސްރޫމެއްގައި ތިބި ކުދިންނަށް ހަމަލާދީފައެވެ. އޭނާ ފުރަތަމަ ވަދެ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި 100 އަށް ވުރެ ގިނަ ވަޒަން ޖެހިއެވެ.

ފުލުހުންގެ ޗީފް ވިދާޅުވި ގޮތުގައި ފުލުހުން ލަފާކުރީ ފުލުހުން ދިޔައިރު ކްލާހުގައި ތިބި އެންމެން ވެސް މަރާލާފައިވާ ކަމަށެވެ. އޭރު ސަލާމަތުން ހުރީ ހަމަލާ ދެމުން ދިޔަ މީހާ ކަމަށާއި އޭނާ މަސައްކަތް ކުރީ ފުލުހުން ރަހީނު ކުރަން ކަމަށް ލަފާ ކުރެވިގެން ފުލުހުން އޭނާ އާއި ކުރިމަތިނުލައި މަޑުކުރީ ކަމަށް ޗީފް ވިދާޅުވިއެވެ. ފުލުހުން މަޑުކޮށްގެން ތިބީ ފުލުހުންގެ ޓެކްޓިކަލް ސްކޮޑްގެ ފުލުހުން ސްކޫލަށް އަންނަން ދެން ކަމަށް ވެސް ޗީފް ވިދާޅުވިއެވެ.

911 އަށް ކްލާހުގައި އިން ކުއްޖަކު ފޯނު ކުރީ 12:47 ގައެވެ. އެފޯނު ކޯލާއި ގުޅިގެން ފުލުހުން ކްލާހަށް ވަދެ ހަމަލާދީ 12:51 ގައި ހަމަލާ ދިން މީހާ މަރާލިއެވެ.

އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދިން ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ ފުލުހުން އަމަލު ކޮށްފައި ވަނީ ބަޑި ހިފައިގެން ހުރި މީހަކު އިމާރާތަކަށް ވަދެ ހަމަލާދޭ ހާލަތުގައި އަމަލު ކުރަން މީގެ އެތައް އަހަރެއް ކުރިން ހަދާފައި އޮންނަ އުސޫލަކަށެވެ. އެއުސޫލު ބުނާ ގޮތުން ބަޑި ހިފައިގެން ހުންނަ މީހަކު ބަންދުވެފައި ހުރި ތަނަކަށް ވަދެއްޖެނަމަ ދެން އެންމެ އިސްކަން ދޭން ޖެހެނީ އެމީހަކު އެތަނުން ނިކުތަ ނުދޭށެވެ. އެހެންވެ ފުލުހުން އަންގާރަ ދުވަހު ވެސް ތިބީ ކްލާހުގެ ދޮރުން އޭނާ ނިކުމެއްޖެނަމަ ހަމަލާދެވޭ ގޮތައް ތައްޔާރު ވެގެންނެވެ.

ނަމަވެސް މިއުސޫލަކީ މިހާރު އަމަލު ކުރަން ހެޔޮވާވަރުގެ އުސޫލެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

19 ކުދިން މަރާލި ހާދިސާގައި ފުލުހުން އަމަލު ކުރި ގޮތް އެއްވެސް ފަރާތަކުން ތަހްގީގު ކުރަމުންދާކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެހާދިސާގައި ހަރަކާތްތައް ލަސްކުރި ފުލުހުންނަށް އެއްވެސް ފިޔަވަޅެއް އަޅާނެކަން ނުވަތަ ނޫންކަމެއް ވެސް އަދި ނޭނގެއެވެ.