އިސްރާއީލުން ގުދުސް ހިފައި، 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމަ ކާމިޔާބު ކުރުން ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގެ ސަބަބުން އިސްރާއީލާއި ޣައްޒާއާއި ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހަކީ އިސްރާއީލުން ގުދުސް ހިފުން ގައުމީ ފެންވަރެއްގައި ފާހަގަ ކުރާ ދެދުވަހެވެ. މިއަހަރު ގުދުސް ދުވަސް ފާހަގަ ކުރަން އިސްރާއީލްގެ ޔަހޫދީން ވަނީ ބޮޑު ހިނގާލުމެއް ބާއްވަން ނިންމާފައެވެ.

އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މިހިނގާލުން ރާވާފައިވާ ގޮތުން ހިނގާލުމުގައި ބައިވެރިން ގުދުސްގައި މުސްލިމުން ދިރިއުޅޭ ސަރަހައްދާއި ހަމައަށް ވެސް ދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެސަރަހައްދަށް ހިނގައްޖެނަމަ ޔަހޫދީންނަށް ހަމަލާ ދޭނެ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުން ވަނީ ބުނެފައެވެ.

ހަމަލާ ދޭނެ ކަމުގެ އިންޒާރު ޣައްޒާ އިން ދިން ނަމަވެސް އިސްރާއީލްގެ ޔަހޫދީން ވަނީ ގުދުސްގައި މުސްލިމުން ދިރިއުޅޭ ސަރަހައްދަށް ދާނެކަން އިއުލާން ކޮށްފައެވެ. އެއިންޒާރާއި ގުޅިގެން އިސްރާއީލުން ވަނީ މިސްރު މެދުވެރިކޮށް ހަމާސް ޖަމާއަތާއި ވާހަކަދައްކާފައެވެ. އިސްރާއީލުން އެދުނީ ހަމާސް އިން ޔަހޫދީންނަށް ހަމަލާ ނުދިނުމަށެވެ. ނަމަވެސް ހަމާސް އިން ވަނީ ހަމަލާ ދޭނެ ކަމަށް ބުނެ ދިން އިންޒާރު ތަކުރާރު ކޮށްފައެވެ.

އެމެރިކާ އިން ވެސް ވަނީ އިސްރާއީލް މީހުން ގުދުސްގެ މުސްލިމުން ދިރިއުޅޭ ސަރަހައްދަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ. ނަމަވެސް އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް ބުނީ އިސްރާއީލުން ބޭނުންތަނެއްގައި އިސްރާއީލަށް ހިނގާލުން ބޭއްވޭނެ ކަމަށެވެ.

"އަހަރެމެން ބޭނުންތަނެއްގައި އަހަރެމެން ހިނގާލުން ބާއްވާނަން. އަހަރެމެންގެ ހިނގާލުން އަހަރެމެންގެ ވެރިރަށުގައި އޮންނާނެ." ބެނީ ބުންޏެވެ.

އިސްރާއީލުން ގަބޫލު ކުރާ ގޮތުގައި އިސްރާއީލްގެ ވެރިރަށަކީ ގުދުސް އެވެ.

މިދިޔަ އަހަރު ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު 11 ދުވަސް ވަންދެން ހަނގުރާމަ ހިނގީ ވެސް ގުދުސް ހިފުން ފާހަގަ ކުރަން އިސްރާއީލުން ބޭއްވި ހިނގާލުމަކަށް ހަމާސް ޖަމާއަތުން ހަމަލާ ދިނުމުންނެވެ. އިސްރާއީލްގެ ޑިފެންސް މިނިސްޓަރު މިއަދު ބުނީ މިދިޔަ އަހަރު ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާ ދިން ނަމަވެސް މިއަހަރު ހަމަލާ ދޭން ނުކެރޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޮނި އިންތިޒާރުގައި

    އައިއާރުޖީސީ ކުޑްސްފޯސްގެ ކޮމާންޑަރު ސައްޔިދު
    ޙުދާއީ އަވަހާރަކޮށްލާފަ އީރާން ވީއްލާނެ އެތިފަހަރަކަށް އިންތިޒާރުމިކުރަނީ؟ ރައީސީވަނީ
    އިޒްރޭލައް ކަރުންރަހަލާވަރުގެ ހަމަލާއެއްދޭނެކަމަށް
    ބުނެފައި