ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގަލްގެ ހޮސްޕިޓަލެއްގައި ރޯވެ 11 ތުއްތު ކުދިން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެގައުމުގެ އަބްދުއު އަޒީޒް ސީ ޑަބަކާ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މިހާދިސާގައި 11 ތުއްތު ކުދިން މަރުވެފައިވާކަން ހާމަ ކޮށްފައިވަނީ އެގައުމުގެ ރައީސް މަކީ ސާލްއެވެ. ކުދިން މަރުވުމާއި ގުޅިގެން އޭނާ ވަނީ ކުދިންގެ އާއިލާތަކަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

"ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ ޑިޕާޓްމެންޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ތުއްތު 11 ކުދިން މަރުވި ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އެކުދިންގެ މަންމައަށާއި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށީ" އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.

އެގައުމުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ޑިއޮޕް ސައި ބުނެފައިވަނީ އަލިފާންގަނޑު ރޯވެ، ކޮންޓްރޯލް ކުރުމުގެ ކުރިން ވަރަށް ބާރަށް ފެތުރު ކަމަށާއި މި ހާދިސާގައި 11 ކުއްޖަކު މަރުވެފައިވާއިރު، އެތަނުން ސަލާމަތް ކުރެވިފައިވަނީ ތިން ކުދިން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ހޮސްޕިޓަލަކީ ދާދި ފަހުން މަރާމާތު ކޮށްފައިވާ ހިސްޕިޓަލެކެވެ.

އެގައުމުގައި މިހާ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، އެގައުމުގެ ހެލްތް މިނިސްޓަރު މިވަގުތު ހުންނެވީ ސިއްހަތު ޖަމްއިއްޔާއާއި ބައްދަލުކުރެއްވުމަށް ޖެނީވާގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.