މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މަކުނު ވިދުރި (މަންކީޕޮކްސް) އާޖެންޓީނާއިން ފެނިއްޖެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މަކުނު ވިދުރި ޖެހިފައިވާ މީހަކު މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެމީހާގެ އިތުރުން އިތުރު މީހަކަށް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ބައްޔަށް ޝައްކު ކުރެވިފައިވަނީ ދާދި ފަހުން އެގައުމަށް އައި ސްޕެއިންގެ މީހެއް ކަމަށާއި އޭނާގެ ފަރާތުން އެކި ކަހަލަ އަލާމާތްތަކެއް ފެންނަމުން އަންނަ ކަމަށެވެ.

"ބަލި ޖެހިފައިވާކަން އެނގިފައިވަނީ ޝައްކު ކުރެވިގެން ހެދި ޕީސީއާރު ޓެސްޓުން. ބަލި މީހާގެ ހާލު ރަނގަޅު، މިވަގުތު ވަނީ އެކަހެރި ކުރެވިފައި" އެގައުމުން ބުންޏެވެ.

މަކުނު ވިދުރި އެންމެ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ގައުމުތަކުގެ ތެރޭގައި ސްޕެއިން، އިނގިރޭސިވިލާތް އަދި ޕޯޗުގަލް ހިމެނެއެވެ. މި ގައުމުތައް ހިމެނޭހެން 20 ވަރަކަށް ގައުމުން މިހާތަނަށް މިބަލި ފެނިފައިވާއިރު، މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނަށް ބަލި ވަނީ ޖެހިފައެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ހާލު ސީރިއަސް ނުވި ނަމަވެސް، ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނާތީ ސިއްހީ ތަޖުރިބާކާރުން ވަނީ ބައްޔާއި މެދު ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ބަލި ބޮޑަށް ފެތުރެނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައެވެ. ބަލީގެ އެންމެ ބޮޑު ހަލާމާތެއްގެ ގޮތުގައި ހުން އައުމާއި ހަށިގަނޑުގެ އެކި ތަންތަން ރަތްވުން ހިމެނެއެވެ.