ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހީނަރުވެދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުންދީފިއެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މާލްފާސް ވިދާޅުވީ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދުކަމަށްވާ ޖަރުމަނުވިލާތުގެ އިގްތިސާދު މިހާރުވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި، އެއީ ހަކަތައިގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އަދި ހަނގުރާމައިގެ ސަބަބުން ތަރުކާރީ ފަދަ ސާމާނުގެ ދަތިކަން ކުރިމަތިވެ، އެހެން ތަންތަނުގެ އިގުތިސޯދީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ ޖީޑީޕީއަށް ބަލާލާއިރު ރިސެޝަންއަކުން އަޅުގަނޑުމެން ދުރުހެލިވަނީ ކިހިނެއްތޯ ބެލުމަކީ މި ވަގުތަށް އުނދަގޫ ކަމެއް،" އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އަދި ހަކަތައިގެ އަގުތައް ދެގުނައަށް ބޮޑުވުމުގެ ވިސްނުމަކީ، އަމިއްލައަށް ރިސެޝަންއެއް އުފެދުމަށް ފުދޭ ކަމެއް ކަމަށްވެސް މަލްފާސް ވިދާޅުވިއެވެ.

ޔޫރަޕާއި ޗައިނާ އަދި އެމެރިކާއިން މަޑުމަޑުން ކުރިއަރަމުން އަންނަ ތަން ފެންނަމުންދާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް އިންފްލޭޝަން ގެ ސަބަބުން މިހާރަށް ވުރެ ވެސް ބޮޑަށް ދުނިޔޭގެ އިގްތިސާދަށް ގެއްލުންވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެެވެ.

ހާއްސަކޮށް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ އިގުތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރާފައި ވާއިރު، އެ ގައުމުގެ މައި ވިޔަފާރީގެ ހަބް ޝަންހާއީގައި ފުރަބަންދުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން، ރިއަލް އެސްޓޭޓް ގެ ދަތިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ވޯލްޑް ބޭންކުން ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ ކުރިއެރުމުގެ އަންދާޒާ 4.1 އިންސައްތައިން 3.2 އިންސައްތައަށް ދަށްކޮށްފައެވެ.

ޔޫކްރެއިން އާއި ރަޝިޔާއަކީ ދުނިޔޭގެ ކާބޯތަކެތި އުފެއްދުމުގައި ބޮޑު ރޯލެއް ކުޅޭ ދެ ގައުމެވެ. އަދި އެއީ ސަންފްލާވަރ އޮއިލް އާއި ބިސް ދުނިޔޭގެ ވިޔަފާރީގެ %53 ހިއްސާކުރާ ދެ ގައުމުވެސް މެއެވެ. ދުނިޔޭގެ ބާޒާރުގައި ދައުރުވާ ވީޓްގެ %27 އަކީ މި ދެގައުމުން އެކްސްޕޯޓްކުރާ ތަކެތި ކަމަށް އދއިން ބުނެފައި ވެއެވެ.