ޕާކިސްތާނުގައި މިއަދު ކުރިއަށްދާ ޢާންމު އިންތިޚާބުގައި ބައިވެރިވެ، ވޯޓުލާން ދާ މީހުނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތާއި ކެއުން ލިބޭގޮތް ހަމަޖައްސައިފިއެވެ.

އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށާއި ޕްރޮވިންސްތަކުގެ މަޖިލިސްތަކަށް މެންބަރުން އިންތިޙާބު ކުރުމަށް ބާއްވާ މި އިންތިޙާބުގައި ވޯޓުލުމަށް އެޤައުމުގެ އެކި ސަރަޙައްދުތަކުގައި މިއަދު ވޯޓް ސްޓޭޝަންތައް ޤާއިމްކޮށްފައިވާއިރު، ޢާންމުންނަށް ފަސޭހަކަމާއި އެކު އެ ސަރަޙައްދުތަކަށް ގޮސް ވޯޓުލުމުގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން ހިލޭ ދަތުރާއި ކެއުން ލިބޭގޮތަށް އިންތިޒާމް ހަމަޖައްސާފައިވަނީ އެޤައުމުގެ ވިޔަފާރިވެރިން އިސްނަގައިގެންނެވެ.

އެގޮތުން ޓެކްސީ ސެންޓަރުތަކުންނާއި ރެސްޓޯރެންޓުތަކުން، މިއަދަށް އިންތިޒާމްތަކެއް ހަމަޖައްސައި ވޯޓުލާން ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޙަރަކާތްތައް ހިންގަމުންދާއިރު، ގިނަ ބައެއްގެ ތަރުޚީބު މިކަމަށް ދަނީ ލިބެމުން ކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި މިފަދަ އިންތިޒާމްތަކެއް ހަމަޖެހިފައިވުމުން، ގިނަ ބަޔަކު ވޯޓުލާން ދިއުމަށް ޝަޢުގުވެރިކަން ފާޅުކުރަމުންދާ ކަންވެސް އެފަރާތުން ފާހަގަކުރެއެވެ.

ދަތުރާއި ކެއުމުގެ އިތުރުން، މިއަދު ވޯޓުލާން ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ބައެއް ފިހާރަތަކުން 50 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓްދޭ ޕްރޮމޯޝަންތައްވެސް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި ފެޝަން ބްރޭންޑާއި ފަރުނީޗަރާއި އެފަދަ އެނޫންވެސް ތަކެތި، މިއަދު ވޯޓުލާ ފަރާތްތަކަށް އަގުހެޔޮކޮށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގައި 86.9 މިލިއަނަށްވުރެ ގިނަ މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފަރާތްތަކުން ވޯޓުލުމަށް ސަމާލުކަން ނުދޭކަން ކުރީގެ އިންތިޚާބުތަކުން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ކުރިއަށް ހުރި އިންތިޚާބުތަކުގައި ޚާއްސަ ކަންތައްތަކެއް ރޭވުމަށް އެޤައުމުގެ ވިޔަފާރިވެރިންނާއި އަމިއްލަ ޖަމިއްޔާތަކުން ކުރިންވެސް ވަނީ ރާވާފައެވެ.

މިއަދު އެޤައުމުގައި ބާއްވާ ޢާންމު އިންތިޚާބުގައި 12،570 ކެންޑިޑޭޓުން، އެކި ސަރަޙައްދުތަކުގެ މެންބަރުކަމަށް ވާދަކުރާއިރު، އޭގެތެރޭގައި ޖުމުލަ 30 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެއެވެ. މި އިންތިޙާބުގައި 85،000 ވޯޓު ސްޓޭޝަނެއްގައި ދަނީ ވޯޓު ލަމުންނެވެ. މި ވޯޓުގައި ކުރިލިބޭ ޕާޓީއެއްގެ ލީޑަރަކަށް އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާބު ލިބޭނެއެވެ.