ޕާކިސްތާންގައި މިއަދު ބޭއްވި އާންމު އިންތިޚާބުގެ ވޯޓް ގުނަން ފެށުމުގެ ކުރިން އެންމެ ބޮޑު ތިން ޕާޓީގެ އޮބްޒާވަރުން ވޯޓް ގުނާ މަރުކަޒުތަކުން ބޭރުކުރުމަށް ފަހު ވޯޓު ގުނަން ފަށައިފިއެވެ.

މަގާމުން ދުރުކޮށްފައިވާ ނަވާޒް ޝަރީފްގެ ޕާޓީ އާއި، ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ އާއިލާ މެންބަރުން އިސްވެ ހަރަކާތްތެރިވާ ޕާޓީ އާއި މުތަހިއްދާ ގައުމީ މޫވްމަންޓްގެ އޮބްޒާވަރުން ވަނީ ވޯޓް ގުނާ މަރުކަޒުތަކުން ބޭރުކޮށްފައެވެ. އެޕާޓީތަކުން ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަމުންދާކަމަށް މިހާރު ތުހުމަތުކޮށްފައެވެ.

މިހާތަނަށް ވޯޓްގެ 20 އިންސައްތަ ގުޅިފައި ވާއިރު ކުރީގައި އުޅުއްވަނީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ހާންގެ ޕާޓީއެވެ. އިމްރާން ހާން އަށް ޕާކިސްތާންގެ ބާރުގަދަ އަސްކަރިއްޔާގެ ވެސް ތާއިދު އޮތް ކަމަށް ކުރިން ފެށިގެން މީޑިއާގައި އަޑުފެތުރިފައިވެއެވެ.

ވޯޓް ލުން ކައިރިވެފައި ވަނިކޮށް އިމްރާން ހާން ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ހައްޔަރު ކުރާކަމުގެ ކަންބޮޑުވުން ވެސް އެޕާޓީތަކުން ވަނީ ފާޅުކޮށްފައެވެ.

މިހާތަނަށް ނަތީޖާ ސާފުވެފައިވާ ގޮތައް ބަލާއިރު އިމްރާންގެ ޕާޓީ އިން 105 ގޮނޑި ކާމިޔާބު ކޮށްފައެވެ. ނަވާޒް ޝަރީފްގެ ޕާޓީއަށް އަދި ކާމިޔާބު ކުރެވުނީ 71 ގޮނޑިއެވެ. ޕީޕަލްސް ޕާޓީ އިން ވަނީ 39 ގޮނޑި ކާމިޔާބުކޮށްފައެވެ.

އިންތިޚާބު ކާމިޔާބު ކުރާ ޕާޓީއެއްގެ ލީޑަރު ޕާކިސްތާންގެ ބޮޑުވަަޒީރު ކަމަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު