ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއާ ގުޅުމުގެ ހުއްދަ އެގައުމުގެ އަންހެނުންނަށް ދީފިއެވެ.

އަންހެނުންގެ ހައްގުތައް ވަރަށް ބޮޑަށް ހަނިކުރާކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ފާޑުކިއުންތައް އަމާޒުކުރާ ސައުދީގެ އަންހެނުންނަށް އަސްކަރިއްޔާއަ ގުޅުމުގެ ހުއްދަ ދީފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށެވެ. މިއީ އެގައުމުން އަސްކަރިއްޔާއަށް އަންހެނުން ވަނުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

އެގޮތުން އަސްކަރިއްޔާއާ ގުޅުމަށްޓަކައި ހުށަހަޅާ އިރު، އެ އަންހެނާއަކީ 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެއެވެ. އެއާއެކު ހައިސްކޫލް ޑިޕްލޮމާއެއްވެސް އޮންނަން ޖެހެއެވެ. އަދި ކުރިމަތިލާ އަންހެން މީހާގެ ބެލެނިވެރިކަމުގައި ތިބޭ ކޮންމެވެސް އެއް ފިރިހެން މެމްބަރެއްގެ އަމިއްލަ ނަމުގައި ގެ އެއް ހުންނަން ޖެހެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެގައުމުން އެފަދަ ހުއްދައެއް ދީފައިވަނީ އެގައުމުގައި އަންހެނުންގެ ހައްގުތައް އޮންނަ ކަން ހާމަކުރުމުގެ ގޮތުންނެވެ. އަދި މިއީ އެގައުމުގެ އަންހެނުން ބާރުވެރިކުރުވުމަށް ސައުދީ އެޅި ފުރަތަމަ ފިޔަވަޅުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.