ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އެގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިންތަކުގެ ތެރޭގައި ހިމެނޭ ބައެއް އޮފިސަރުން މަގާމުން ކުއްލިގޮތަކަށް ދުރުކުރައްވައިފިއެވެ. މިގޮތުން ސައުދީ އަރަބިއްޔާގެ ބިމުގެ އަސްކަރިއްޔާގެ އިތުރުން ވައިގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާވެސް ވަނީ މަގާމުން ދުރުކުރައްވައިފައެވެ. އަދި ސަލްމާން ރަސްގެފާނު ވަނީ އެގައުމުގެ ޗީފް އޮފް ސްޓާފްވެސް މަގާމުން ދުރުކުރައްވައިފައެވެ.

ރަސްގެފާނު ސަލްމާންގެ މި ފިޔަވަޅުތައް ސައުދީ ސަރުކާރުގެ ރަސްމީ ޕްރެސް އެޖެންސީއިން ވަނީ އާންމު ކުރައްވާފައެވެ. ނަމަވެސް މި ފިޔަވަޅުތައް އަޅަން މެދުވެރިވި އެއްވެސް ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ދުނިޔޭގެ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ ޔަމަނުގައި ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި މި ފިޔަވަޅުތަކާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތްކަމަށް ލަފާކޮށްފައެވެ. އަވަށްޓެރި ޔަމަނުގައި ސައުދީއިން އިސްވެ އޮވެ ހިންގަމުންދާ އޮޕަރޭޝަންތަކަށް މިދަނީ ތިން އަހަރު ފުރުމާއި ގާތްވަމުންނެވެ.

ބައެއް ނޫސް މީޑިޔާތަކުން ވަނީ ސަލްމާން ރަސްގެފާނުގެ މި ފިޔަވަޅުތަކުގެ ފަހަތުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހަންމަދު ހުންނެވިކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ. މިހެން ބުނާ ފަރާތްތަކުން ވަނީ ހެކީގެ ގޮތުގައި އެގައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާ ޕްރިންސް މުހަންމަދު އެންމެ އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރުތެރޭގައި އެގައުމުގެ އެތައް ނަން މަޝްހޫރު މުއްސަނދި ބޭފުޅުން ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ހައްޔަރުކުރައްވައި ފަސް ތަރީގެ ބޮޑު ހޮޓަލެއްގައި ބަންދުކުރެއްވުމަށް އިޝާރާތްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދާނީޝް

    ކޫއެއް ފުލޮޕު ކޮއްލީކަމައް ލަފާ ކުރެވެނީ.. ނީކަން އަވަހައް ސައުދީގއީ ސީވީލް ވޯ އެއް ފެށީގެން ދީއުން އެކަޝީގެންވޭ.. މުސްލީމުންގެ އެންމެ މުގައްދަސް ބީން ހުރީ ރަށް އެއުޅެެނީ ދުބާއީ ކަހަލަ ފާފައީގެ އަށްޓަކައް ހަދާލަން..