އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އަވަށެއް ކަމުގައިވާ ޗިންޓަލަޕޫޑީގައި 15 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގައި ރަހީނު ކުރުމަށް ފަހު ރޭޕްކޮށްފިއެވެ.

އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އޭނާއާއި އެއް ހޮސްޓެލްއެއްގައި އުޅޭ ކޮޑިމެއްލާ ކިރަން ނަމަކަށް ކިޔާ ފިރިހެނަކާއި އިތުރު ފިރިހެނެއް ވެގެންނެވެ.

އަދި އަންހެން ކުއްޖާ ރޭޕްކުރީ އޮޅުވާލައިގެން މީހުން އާބާދުވެ އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ހުންނަ ގެއަކަށް ގެންދިޔުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ 23 ވަނަ ދުވަހު އެއަންހެން ކުއްޖާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ޗިންޓަލަ ޕޫޑީގެ ފުލުހުންނަށް ލިބިފައިވާއިރު ފުލުހުން ކުރި މަސައްކަތުން އެ އަންހެން ކުއްޖާ ފެނިފައިވަނީ އިއްޔަ މެންދުރުގެ ވަގުތެއްގައެވެ. ފުލުހުން އެ އަންހެން ކުއްޖާ ހޯދައިފައިވަނީ މޯބައިލް ފޯނުގެ ލޮކޭޝަން ޓްރެކް ކޮށްގެނެވެ.

އަދި އެއިރު އެކުއްޖާ ހޭނެތިފައިވާއިރު ވަގުތުން އެ އަވަށުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ އަންހެން ކުއްޖާއަށް ހަތަރު ދުވަސްވަންދެން އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައި ވެއެވެ. އަދި ބައެއް ކަހަލަ އަނިޔާތަށްވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

15 އަހަރުގެ އަންހެން ކުއްޖާ ރަހީނު ކުރުމަށް ފަހު ހަތަރު ދުވަސް ވަންދެން ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާއިރު މި މައްސަލަ އެ އަވަށުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިންޑިއާއަކީ އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމު ކަމުގައި ފާހަގަވެފައި އޮންނައިރު އެ ގައުމުގައި ރޭޕްކުރުމުގެ މައްސަލަތަށް ވަރަށް ގިނައިން ފެންމަތިވެއެވެ.